ލިޔުނީ: ނިރު - ޝާހިން މުހައްމަދު
ހަވަނަ ބައި
ދެފައި ކުރިއަށް ބާރުލާފައި ޒާއިރާ ދިޔައީ މިކްޔާއީލްގެ ގެއާ ދިމާއަށެވެ. އެއީ މިކްޔާއީލް އާ ބެހޭގޮތުން ޒައިރާއަށް ހަމަ އެކަނި އެނގޭ މައުލޫމާތެވެ. އެގެ ފާހަގަ ކުރަނީ އެގޭގެ ގޯތިތެރޭގައި ހެދިފައި ހުންނަ ބޮޑު ސިންގާ ޖަންބުގަހުންނެވެ. އެހެންނޫނަސް އެއީ ޒާއިރާމެން އުޅޭ ގެއާ ވެސް އެހާ ދުރު ނޫން ހިސާބެކެވެ.
ބާރަކަށް ހިނގާފަ ދިޔަ ޒާއިރާއަށް އެގެއަށް ވަދެވުނުއިރު އަދި އިޝާނަމާދަށް ބަންގި ނުގޮވައެވެ.
ޒާއިރާ ބޭނުންވީ ވެސް ބަންގި ގޮވުމުގެ ކުރިން ދިއުމަށެވެ. އެހެންނޫނީ ފަހަރެއްގައި މިކްޔާއީލް ނަމާދަށް ގޮސްފިއްޔާ އަނެއްކާ ވެސް ދިމާ ނުވެދާނެއެވެ.
ކުރީ ދުވަހެކޭ އެއްގޮތަށް އެގޭގެ ފުޅަލި ހުރީ ކުޑަކޮށް ހުލުވާލާފައެވެ. އެކަމަކު އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އެތެރެއަށް ވަދެ ޒާއިރާއަށް ކުޑަކޮށް މަޑުކޮށްލެވުނެވެ. އެއްފަރާތު އަރިމަތިން ތަންކޮޅެއް ދުރުގައި ހުރި ޖަންބުގަހަށް ނަޒަރު ހިންގައިލެވުނީ އެދިމާލުން ވާލެއް އުދުއްސައިގެން ދިޔުމުންނެވެ. އެވަގުތު ޒާއިރާގެ މެއަށް ފިނިވެގެން ދިޔައެވެ. ކޮންމެވެސް ވަރަކަށް ބިރުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އަދި ދެލޯ މަރައިލަމުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ކިތަންމެ ބިރުގަތަސް މިރޭ އޭނަ ގެއަށް ދާނީ މިކްޔާއީލްއާ އަރައިރުން ވެފައެވެ.
"ޒާއި!" ޒާއިރާއަށް ސިހުން ލިބުނީ މިކްގެ އަޑަށެވެ. އޭނަ ނުކުތީ ކޮން އިރަކުހެއްޔެވެ! ދޮރެއް އެއްޗެއް ހުޅުވުނު އަޑެއް ޒާއިރާ ނާހައެވެ. އެހެންވިޔަސް ވަރިހަމައެވެ. އެކަމާ ޒާއިރާ ވިސްނަންވީ ކީއްކުރަންހެއްޔެވެ! މިކްޔާއީލް އެހެރީ ޒާއިރާގެ ކުރިމަތީގައެވެ.
"ކީއްވެ މަށަށް ފިލައިގެން އައީ! މަ ކިހާ ވަރަކަށް ހޯދިން!" ޒާއިރާއަށް މިކްޔާއީލް ފެނުމުން ވެސް ރުޅިގަނޑު މައިތިރިވާކަށް ނޫޅުނެވެ. އިތުރަށް ރުޅިގަދަވީ މިކްޔާއީލް ޒާއިރާގެ ސުވާލަށް އެއްވެސް ޖަވާބެއް ނުދިނުމުންނެވެ.
"ކީއްވެހޭ އަހަންނަށް ފިލައިގެން އައީ!" ޒާއިރާ ޖެހިލީ މިކްޔާއީލްއާ ގަތަށެވެ. އަދި ދެއަތުން މިކްޔާއީލްގެ މޭމަތީގައި މަޑުމަޑުން ދެ ފަހަރަކު ޖަހައިލިއެވެ.
"މުޅިދުވަސް އަހަރެން މި ހޭދަ ކުރަނީ މިކް ލޮލަށް ނުފެނި! އަތުގަ ފޯނެއް ވެސް އޮންނަ ކަމަކަށް ނުވި! ... އެނގޭތަ ކޮންމެ ސިކުންތަކު ވެސް އަހަރެން އެދެނީ މިކްއާ އެންމެ ގާތުގައި ހުންނަން ކަމެއް!" ޒާއިރާ ދެއަތަށް ހުއްޓުމެއް ގެނައެވެ. މަޑުމަޑުން މިކްޔާއީލްގެ މޭމަތީ ދެއަތުގެ އިނގިލިތައް ފަތުރާލާ ބައްވާލިއެވެ. އަދި މަޑުމަޑުން މިކްޔާއީލްގެ މޫނަށް ބަލައިލިއެވެ. އެ މޫނުން ޒާއިރާއަށް ފެނުނީ ޒާއިރާ އެދުނު ފަދަ ކުލަވަރެއް ނޫނެވެ. މިކްޔާއީލް ރޮނީއެވެ. ޒާއިރާއަކަށް ކެތެއް ނުކުރެވުނެވެ.
"މިކް! ކީއްވީ!... އައިމް ސޮރީ... ސޮރީ ލަވް... ދެން ދުވަހަކުވެސް ޝަކްވާއެއް ނުކުރާނަން!... ހަމަތެދެއް ނުކުރާނަން!" ޒާއިރާ ހިފެހެއްޓީ މިކްޔާއީލްގެ މެދުހަށީގައެވެ. އަދި ދެއަތަށް ބާރުލާ މިކްޔާއީލްގެ ހަށިގަނޑުގައި ރަނގަޅަށް ތަތްވެލިއެވެ.
"ޒާއި! މިކްޔާއީލް ވާހަކަދައްކަން ފެށިއެވެ.
"އަހަންނަށް އެނގޭ ޒާއި އަހަރެން ދެކެ ކިހާ ލޯތްބެއް ވާކަން! ޒާއިއަށް ނޭނގެނީ އެއަށްވުރެ މާބޮޑަށް... މާބޮޑަށް އަހަރެން ޒާއި ދެކެ ލޯބިވާކަން!" މިކްޔާއީލް ހުއްޓައިލިއެވެ. އަދި ވެސް ޒާއިރާ ހުރި ގޮތަށް ހުރީއެވެ.
"އަހަރެން ބޭނުން ވަރަށް ގިނަ ވާހަކަ ދައްކަން.... އެކަމަކު އެވާހަކަތައް ދެއްކުމުން އަހަރެމެންގެ ގުޅުން...." ކުއްލިއަކަށް މިކްޔާއީލް ޒާއިރާ ދުރަށް ޖައްސައިލިއެވެ. އަނެއްކާވެސް އެއިވުނީ ޖަންބުގަހުން ވާލެއް އުދުއްސައިގަތް އަޑެވެ. މިފަހަރު އެއީ އެންމެ ވާލެއް ނޫނެވެ. އެތައް ވާލެކެވެ. ވާލުގެ ބައި ގަނޑެކެވެ.
"ދޭ ގެއަށް! އަހަރެން ދާނަން މިރޭ.... އިންތިޒާރު ކުރާތި!" ޒާއިރާ އަތުގައި ހިފައިގެން ގޮސް މިކްޔާއިލް މަގަށް ނިކުތެވެ. އޭރު މިސްކިތުގެ މުދިމު ސައުންޑް ރަނގަޅުކޮށްލާ އަޑު އިވުނެވެ.
"ދޭ! އަވަހަށް ދޭ.. އަހަންނަށް މިހާރު ވެސް މާލަސް ވެއްޖެ!" މިކްޔާއީލް ޒާއިރާ ކުރިއަށް ކޮއްޕައިލިއެވެ. ޒާއިރާ ކުރިއަށް ހިނގައިގަތެވެ.
"ﷲ އަކުބަރު... " ބަންގީގެ އަޑު އިވުނީ ވަރަށް ސާފުކޮށެވެ. ޒާއިރާ ދެތިން ފިޔަވަޅު ކުރިއަށް އަޅައިލުމަށްފަހު އެނބުރި ފަހަތް ބަލައިލިއެވެ. މިކްޔާއީލް އެއް ނެތެވެ. ނަމާދަށް ދާން މިކްޔާއީލްއަށް ލަސްވީ ކަންނޭނގެއެވެ. ނޫނީ މިކްގެ ބައްޕަ މިކް ހޯދާފާނެތީ ބިރުގަތީކަންނޭނގެއެވެ. ޒާއިރާ ވެސް ދެން ހިނގައިގަތީ އަވަހަށް ގެއަށް ދިއުމަށެވެ. މަގުމަތި ވެސް ފެންނަނީ ފުދޭވަރަކަށް ފަޅުކޮށެވެ. އެންމެ ކައިރިން ފެންނަން ހުރި މީހާ ވެސް ފެންނަނީ ވަރަށް ދުރުންނެވެ.
ޒާއިރާ ގޮސް ގެއަށް ވަންއިރު މަލާކު އުޅެނީ ޒާއިރާއަށް ނުގުޅިގެންނެވެ. ވީތަނެއް ކުރާކަމެއް އަދި ވީ ހިސާބެއް ވެސް ނޭނގޭތީއެވެ.
"ތީ ރަނގަޅު މީހެއް! ކޮން ފާޑަކަށްތަ ތިއުޅެނީ! ކުއްލިއަކަށް ބުނެވެސް ނުލާ ވެހިކަލުން ފައިބައިގެން އެދިޔައީ! މޮޅުކަމަކީ ދިޔަތަނެއް ބުނެވެސް ނުލާ ދިޔާމަ!" މަލާކު ހިފެހެއްޓީ ޒާއިރާގެ އަތުގައެވެ.
"ކޮބާތަ ފޯނު! ފޯނު ނިއްވާލާއިގެން ކީއްތަ ތިކުރަނީ!..ހަމަ ތެދެއް މިހާރު މަ ބިރުގަންނަން ފަށައިފި!" ދެން ވެސް ޒާއިރާ އަނގައަކުން ނުބުންޏެވެ. އެކަމަކު އަތްދަބަހުން ފޯނު ނަގައި ފޯނަށް ބަލައިލިއިވެ. ތެދެކެވެ. ފޯނު އޮތީ ނިވިފައެވެ. ޒާއިރާ، މަލާކުއަށް ފޯނު ދައްކައިލަމުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން މަލާކު ވެސް ހިނގައިގަތެވެ.
މަލާކު ގޮސް އިށީނީ ޒާއިރާ ފޯނު ޗާޖަށް ޖެހުމަށްފަހު އެނދުގައި އޮށޯތުމުން ޒާއިރާގެ އެނދުގެ ފައިލާ ކޮޅުގައެވެ. ޒާއިރާއަށް ކުރިމަތި ލައިގެން މަލާކުގެ ދެފައި އެނދަށް ލައިގެންނެވެ.
"އަހަރެން އަހާލަން ބޭނުން .... ޒާއި ކުއްޖަކާ ރައްޓެހިވީތަ!" ޒާއިރާ ބަލައިލީ ހިނިތުންވަމުން މަލާކުގެ މޫނަށެވެ.
"މަމީ ބެސްޓް ފްރެންޑް. އެކަމަކު މަށަށް ސިއްރުން، މަށާއެކު މިރަށަށް އައިސް، މީސްމީހުންނާ ރައްޓެހިވެ، މީޓްކޮށް ..... ދެން ކޮބާ މަގޭ ހައިސިއްޔަތަކީ!.. މަ ހަމަ ވާނުވާގަ!" ސަމާސާ ރާގެއް އެ އަޑުގައި ވިޔަސް އެއީ މަލާކުގެ ހިތުގައި ހުރި އެތައް ޝަކުވާއެއްގެ ތެރެއިން މަލާކު ފާޅުކުރި މަދު ވާހަކަ ކޮޅެކެވެ.
"އަސްލު އަހަންނަކަށް ވެސް ނޭނގެ އޭނައާ ބެހޭގޮތުން މާގިނަ އެއްޗެއް!" ޒާއިރާ ފާޅުކުރީ ހަގީގަތެވެ.
"އަންހެނެއްކަން ނުވަތަ....ފިރިހެނެއްކަން ވެސް ނޭނގެނީތަ!" މަލާކު ބުނިއެއްޗަކުން ދެމީހުންނަށް ހީނގަނެވުނީ އެއްފަހަރާއެވެ. އެއަށްފަހު ޒާއިރާ ހިމޭންވިއެވެ. ޒާއިރާއަށް ވާހަކަ ފަށައިގަންނަން ވަގުތުކޮޅެއް ބޭނުންވަނީހެން ހީވާތީ މަލާކު އިނީ އިންތިޒާރުކޮށްގެންނެވެ.
"އެއީ މިކް... މިކްޔާއީލް... މިކްގެ ގެ ހުންނަނީ .... އެއްކަލަ ދުވަހު ވާރޭ ވެހުނު ދުވަހު... އަހަރެން ދުއްވައިގަތުމުން ފައިލްތަކާ ގަނޑުތައް ބިންމައްޗަށް އެޅުނެއްނު ދުވަހެއް... މަލް ދުވެ އައީނު.. އަހަރެން ތެމިދާނެތީ ދުވެގޮސް ވަނީ... އެގެއަށް.. އެއީ ގާތްގަނޑަކަށް ކާރު މަޑުކުރީ އެގޭ ދޮރުމަތީ... އެދުވަހު އެނގުނީ ވެސް އެއީ މިކްގެ ގެ ކަން ވެސް!.... އެގެއިން މިކް ފެނުނީމަ. އެއީ ވަރަށް ރީތިކޮށް ހަދާފައިވާ ގެއެއް!" ޒާއިރާ ފުރަތަމަ ފަހަރަށް މިކްޔާއީލްގެ ވާހަކަ އެހެން މިހަކާ ހިއްސާކުރިއެވެ.
މަލާކު އިނީ ޒާއިރާ ދެއްކި ވާހަކަތައް ކަނުލާ އަޑުއަހާށެވެ.
"އޯކޭ.. ދެން ތި ދެމީހުން ކިހާ ވަރަކަށް މީޓްކޮށްފިން!" މަލާކުގެ ވާހަކަ އިން އޭނަ އެއިނީ ޒާއިރާގެ މި ގުޅުމާމެދު އުފާވެފައިކަމެއް ނުވަތަ ނުރުހިފާ ކަމެއް ވެސް ޒާއިރާއަކަށް ނޭނގުނެވެ. އެހެންވެ ޒާއިރާ އިސްޖަހާލަމުން މަލާކުގެ ސުވާލަށް ޖަވާބު ދިނެވެ.
"ވަރަށް ގިނައިން... ކޮންމެ ރެއަކު!"
"ކޮންމެ ރެއަކު އޭ!" މަލާކުއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
"އަޅެ! އަހަރެން މީ ކީއްކުރާ މީހެއް!... ތި ހުރިހާ ގަނޑެއް ގަތްއިރު މަ ކޮބާ!" މި ފަހަރު މަލާކުގެ އަޑުގައި ވަނީ އަނެއްކާ ވެސް އުފާވެރިކަމެވެ.
'ކޮންމެ ގޮތެއްވިޔަސް ކޮންގްރެޖްލޭޝަންސް އިނގޭ! އެންމެ ފަހުން މީހަކާ ރައްޓެހިވީތާ!... މުސްކުޅިވުމުގެ ކުރިން!" މަލާކު އެންމެ ފަހު ޖުމުލަ ބުނެލީ ފާޚާނާއަށް ވަންނަން ހިނގައިގަންނަމުންނެވެ. ރަހުމަތްތެރިޔާގެ އުމުރުން ބާވީސް އަހަރަށް އޮތްއިރު ދުވަހަކު ވެސް މީހަކާ ރައްޓެހިނުވެ ހުރެފައި އެންމެފަހުން ކުއްޖަކާ ރައްޓެހިވި ވާހަކަ ބުނުމުންނެވެ.
"މިކް އާ މީޓް ކޮށްދޭނަން، އިނގޭ!" މަލާކުއަށް ޒާއިރާ އެހެން ބުނި އަޑު ރަނގަޅަށް އިވުނެވެ. މަލާކު ވެސް ބޯ ޖަހައިލިއެވެ. ޒާއިރާގެ އަޑުގައިވަނީ ހައްދެއް ނެތް އުފާވެރިކަމެވެ.
އެރޭ އެގޭގެ އެންމެން ކާން އިށީނީ އެކުގައެވެ. ޒުހުރާއްތަގެ ފިރިމީހާ ވެސް މަސައްކަތް ކުރަން ހުރި ރަށުގައި ހުރެފައި އެ ރަށަށް އައީ އެ ދުވަހު ހަވީރު ވީ ފަހުންނެވެ. އެހެންކަމުން އެރެއަަށް އެގޭގައި ހުރީ އެހެން ވަގުތުތަކަށް ވުރެންވެސް ރަނގަޅަށް ކައްކާފައެވެ. ކާން އިންއިރު ޒާއިރާ އިރު އިރުކޮޅާ ފޯނަށް ބަލާލައެވެ. މިކް ގަޑިއެއް ނުބުނެއެވެ. އެކަމަކު އިންތިޒާރުކުރަން މިކްޔާއީލް ބުނެފައި އޮތުމުން ގަޑިއަށް ބެލެނީއެވެ.
ކައި ނިމުމުން އެހެންމީހުން ފަދައިން މިރޭ ޒާއިރާ ވެސް ގޮސް އިށީނީ ސިޓިންގރޫމުގައެވެ. އެހެން މީހުން އެތާ ތިއްބާ ވަކިން ގޮސް ޖޯލީގައި ނީންނަން ވެގެންނެވެ. ކޮޓަރިއަށް ވަދެފިއްޔާ ނިދިދާނެތީއެވެ. އެކަމު ސިޓިންގރޫމު ސޯފާގައި އިށީން ޒާއިރާއަށް ފަސް މިނިޓް ވެސް ނުވަނީސް ނިދުނީއެވެ. ޒާއިރާގެ ހަރަކާތްތަކަށް ބަލަ ބަލާއިން މަލާކު ޒާއިރާ ނިދުމުން ވެސް ނުގޮވީ ޒާއިރާއާ ބައްދަލުކުރަން އަންނަ މީހެއް ވެއްޖެއްޔާ ޒާއިރާ ހޯދަން އެގެއަށް އަންނާނެތީ އެމީހަކު ދުށުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ޒުހުރާ އާއި ފިރިމީހާ ކޮޓަރިއަށް ވަންއިރު ވެސް ޒާއިރާ އެބުނި ކުއްޖަކު ނާދެއެވެ. އެންމެ ފަހުން އެގާރަ ޖެހުމުން މަލާކު އިންތަނުން ތެދުވެއްޖެއެވެ. އަދި ދަމުން ދަމުން ޒާއިރާއަށް ގޮވައި ނިދަން ކޮޓަރިއަށް ހިނގާށޭ ބުންޏެވެ. އިތުރު ވާހަކައެއް އަދި ސުވާލެއް ވެސް ނުކޮށް ގޮސް އެނދަށް ވެއްޓިގަތް ޒާއިރާއަށް މަލާކު ބަލަހައްޓައިގެން ހުރީ ހައިރާންވެފައެވެ. ދެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.
ޒާއިރާއަށް ހޭލެވުނީ މީހަކު ޒާއިރާގެ ނަމުން ޒާއިރާގެ ކަންފަތްދޮށުގައި ދެތިން ފަހަރު ގޮވައިލުމުންނެވެ. މޯޅިއަކަށް ދެމިލަމުން ދެލޯ ހުޅުވައިލި ޒާއިރާ ދެވަނަ ސިކުންތުގެ ތެރޭގައި އިނީ ތެދުވެ އެނދުގެ މެދުގައި ދެފައި ވަށްކޮށްގެން އިށީނދެއެވެ. އަދި މަޑުމަޑުން ދެލޯ އުނގުޅައިލަމުން އިވުނު އަޑާ މެދު ވިސްނާލިއެވެ.
"މިކް!" ޒާއިރާއަށް ދުއްވައިގަނެވުނެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. ދުވެ ނިކުމެ ހެދުމުގެ ފަސްބަޔަށް ދަމާލާ ރަނގަޅުކޮށްލިއެވެ. ނިދަން އޮވެވުނީ ހަވީރުއްސުރެ ލައިގެން ހުރި ހެދުމުގައެވެ. އެހެންވިޔަސް ހެދުން ބަދަލުކުރުމުގެ ޚިޔާލެއް ނެތެވެ. ލަސްވެފަ ހުރީމައެވެ.
ދުވެފައި ނިކުންނަން ދިޔަ ޒާއިރާއަށް ކޮޓަރީގެ ދޮރުލައްޕާލަން ވެސް ހަނދާނެއް ނެތެވެ. ހީވަނީ ކޮންމެވެސް ނޭނގޭ ދަމާބާރަކުން ޒާއިރާގެ ހަރަކާތްތައް ކޮންޓްރޯލް ކުރާހެންނެވެ. ދުވަމުން ކަހަލަ ގޮތަކަށް ދިޔަ ޒާއިރާ ގޮސް ހުއްޓުނީ ގޭގެ ފުޅަލީގެ ކުރިމަތީގައެވެ. އާދައިގެ މަތިން އެއް އަތް ދަމާލާ ހުވަނދުމާ ގަހުގައި ކާއްތާލަމުންނެވެ.
"ޒާއި!" ބޭރަށް ބޯ ދިއްނުކުރެވެނީސް މިކްޔާއީލް ހިފީ ޒާއިރާގެ އަތުގައެވެ. ދިޔަ ބާރުމިނުގައި ޒާއިރާ ގޮސް ޖެހުނީ މިކްޔާއީލްގެ ގައިގައެވެ.
"މިކް!" ޒާއިރާއަށް ވެސް މިކްޔާއީލްގެ ނަމުން ގޮވައިލެވުނެވެ. އެހެންނަމަވެސް ވަކި ޖަވާބެއް ނުދީ މިކްޔާއީލް ހުރީއެވެ. ޒާއިރާގެ ގައިގާ ބައްދައިލި ގޮތަށެވެ. މިކްޔާއީލްގެ ދަތްދޮޅި ވަނީ ޒާއިރާގެ ބޮލުގެ މެދެއްހާ ހިސާބުގައި ޖައްސާލެވިފައެވެ. އަދި ކަނާތުން މަޑުމަޑުން ޒާއިރާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ދައްކަން ހުރި ވާހަކަ ގިނަ ކަމުން އަދި ވާހަކައިގެ ބާވަތުން ވާހަކަ ފަށާނެ ގޮތެއް ވިސްނަނީކަންނޭނގެއެވެ. އެ އަށްވުރެ ބޮޑަށް އެވާހަކަ ދައްކަން ހިތްވަރު ވެސް މިކްޔާއީލް ބޭނުމެވެ.
"މިކް، ވަހަކަ ދައްކަބަލަ! މިހެން ތިބެންވީތަ!" ހިމޭންކަމުން އުނދަގޫވެގެން އެންމެފަހުން ވާހަކަ ދެއްކީ ޒާއިރާއެވެ.
ދެންވެސް މިކްޔާއީލް ހުރީއެވެ. ޒާއިރާ ދެވަނަ ފަހަރު ވާހަކަ ދައްކަން ފެށުމުމުގެ ކުރިން އިސްއުފުލާލާ މިކްޔާއީލްގެ މޫނަށް ބަލާލަމުން ބާރުގަދަ އެދެއަތުގެ ތެރެއިން ކުޑަކޮށް ދުރަށް ޖެހިލިއެވެ. އެހެންނަމަވެސް އަނެއްކާވެސް ޒާއިރާ ގެނެސް ދެއަތުގެ ތެރެއަށްލާ ބޮނޑިކޮށްލަމުން މިކްޔާއީލް ވާހަކަ ދައްކަން ތައްޔާރު ވިއެވެ.
(ނުނިމޭ)
ކޮބައިތަ 5 ވަނަ ޕާޓް... އަނެއްކޮޅުން އެހާ ލަސް
އަޅޭ ވަރަށް ރީތި، އެއްމެ ރީތި ހިސާބަށް ތިނިއްމާލީ ދެން އަންނަބައި ވަރަށް އަވަހަށް ގެނެސްދެއްޗޭ ޕްލީޒް