ޣައްޒާގެ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅުނު އިޒްރޭލު ގޭންގަކުން, ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދިޔަ ދެ ގާފިލާއަކަށް ހަމަލާދީފިއެވެ.

އިޒްރޭލުން ވަނީ އިއްޔެގެ ވަގުތެއްގައި ޣައްޒާއާއި އިޒްރޭލު ގުޅުވައިދޭ އެރެޒް ބޯޑަރު ހުޅުވައިލައިފައެވެ. 31 ޓްރަކްގެ އެއް ކޮންވޯއީ ޣައްޒާގެ އުތުރުގައި އޮންނަ އެރޭޒް ހުރަސްކުރުމަށް ދަތުރުކުރަމުން ދިޔައިރު އަނެއް ކޮންވޯއީ 48 ޓްރަކާއެކު ދަތުރު ކުރަމުން ދިޔައީ ޝަރީމް ކެލޮމް ކްރޮސިންގް އަށެވެ. އެމީހުން ގެންދިޔައީ ކާބޯތަކެއްޗާއި ފުށާއި އެހެނިހެން އެހީތަކެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ކްރޮސިންއެއް މެދުވެރިކޮށް އިސްރާއީލުން ޣައްޒާއަށް އެހީ ގެންދިއުމުން ވަޒަންވެރިން ވަނީ އެމީހުންގެ ބައެއް މުދާ އުކާލައި ޓްރަކްތަކަށް ގެއްލުންދީފައެވެ. ނަމަވެސް ޓްރަކުތަކަށް ލިބުނު ގެއްލުތަކާއި އެކުވެސް ޓްރަކްތަށް ދަތުރު ކުރަމުން ދިޔަކަށްް މައުލޫމާތު ލިބެއެވެ.

ދެ ކޮންވޯއީ ވެސް އެމީހުންގެ ދަތުރު ކުރިއަށް ގެންގޮސް ހަނގުރާމައިގެ ސަބަބުން ފަނާވެފައިވާ ޣައްޒާގައި ތިބި މަންޒިލަށް ވާސިލްވުމަށް ކާމިޔާބު ކުރެވުނު ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.