ދުނިޔޭ ކޯޓު، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ސައުތު އެފިރިކާ އިން ހުށަހަޅާފައިވާ ފަލަޞްޠުގެ މައްސަލައިގެ ތެރެއަށް ތުރުކީ ވިލާތުން ތަދައްޚުލު ވެއްޖެއެވެ. އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާ އިން (އައިސީޖޭ) އަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަށައިފައި ވަނީ މި އަހަރުގެ ޖެނުއަރީ 11 ގައި އެވެ. މި މައްސަލައާ ގުޅޭ ގޮތުން އެ ކޯޓުގައި މިހާރު ވަނީ އަޑުއެހުމުގެ ދަންފަޅިތަކެއް ބާއްވަފައެވެ. އަދި މި ހަފްތާގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި، އިސް އޮފިޝަލުން ތަކެއް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފާނެ ކަމަށް ދުނިޔޭގެ މީޑިޔާ ގައި ފެތުރިފައެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ މައްސަލަ އަކީ 75 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލައެކެވެ. ނަމަވެސް މި މައްސަލައިގެ އަޑު މިހާރު ގަދަ ވެފައި ވަނީ މި ދިޔަ އޮކްޓޯބަރ 8 އިން ފެށިގެން އިޒްރޭލުން ޣައްޒާ ގައި ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކާ ހުރެއެވެ. އަދި އޭގެ އިތުރުން ހުޅަނގު އއްސޭރީގައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކާ ހުރެއެވެ. ކުޑަކުއްޖެއް، އަންހެނެއް، ޢުމުރުން ދުވަސްވީ މީހެއް، ސްކޫލެއް، އަޅުކަން ކުރާ ތަނެއް، ހަސްފަތާލެއް ބެލުމެއް ނެތި ސުންނާފަތި ކުރަމުން ގެންދާތީ އެ މައްސަލަ، އދ. ގެ ތެރެއިން ޙައްލު ނުކުރެވުމާ ގުޅިގެންނެވެ. އިޒްރޭލުގެ ނުރައްކަތެރި މި ޢަމަލުގައި 35300 އަށް ވުރެ ގިނަމީހުން މިހާރު ވަނީ ޝަހީދު ވެފައެވެ. އަދި ޣައްޒާ މުޅިންހެން ވަނީ ސުންނާފަތި ކޮށް ޢިމާރާތްތައް ނައްތާލާފައެވެ. އަދި އދ. އާއި، ބައިނަލްއަޤްވާމީ ޤަމުތަކުން ފަލްޞްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަމާއި، ކާބޯތަކެތި ފޯރުކޮށްދިނުމަށް ވެސް ވަނީ ހުރަސް އަޅާފައެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފައިދާން ހާމަކުރެއްވި ގޮތުގައި އިޒްރާއީލުން ހިންގަމުން ގެންދާ ޢުދުވާނާ ގުޅޭ ހެކިގޮތުގައި އެ ޤައުމުން، އިޒްރާއީލުގެ ސިފައިން ހިންގާފައިވާ ޖަރީމާތަކުގެ ފޮޓޯ އާއި، ވީޑިޔޯ ވެސް އައިސީޖޭ އަށް ހުށަހަލާނެ ކަމުގައެވެ. ތުރުކީ އަކީ ނޭޓޯ އަދި އިޔޫގެ ޤައުމަކަށް ވުމުން އިޒްރޭލާ ގުޅުން އިންނަ ޤައުމެކެވެ. އަދި އެ ޤައުމާ މެދު މުސްލިމުންނާއި، ޢަރަބިން އަދި ޚާއްޞަކޮށް ފަލަޞްޠީނުގެ ރައްޔިތުން ޝައްކުގެ ނަޒަރަކުން ބަލަމުން ގެންދެއެވެ.