ލީބިޔާގެ ކުރީގެ ވެރިޔާ ކާނަލްމުޢައްމަރުލްޤައްޛާފީގެ ހަށިފާރަވެރިންގެ ގޮތުގައި އެމަނިކުފާނު ގެންގުޅުއްވާފައި ވަނީ އަންހެން ހަށިފާރަވެރިންނެވެ. އޭގެ ސިއްރާ މެދު ޤައްޛާފީގެ ވެރިކަމުގެ ދުވަސް ވަރު ވެސް މީޑިއާ ގައި ވެސް ވާހަކަ ދެކެވިފައި ވެއެވެ. ނަމަވެސް މިއީ ރަސްމީ ޖަވާބެއް ލިބިފައި ނުވާ ސުވާލެކެވެ. ޤައްޛާފީ ވަނީ 42 އަހަރު ވެރިކަން ކުރައްވާފައެވެ. 1969 ވަނަ އަހަރު ޤައްޛާފީ ވެރިކަން އަތުލެއްވީ އެ ޤައުމުގައި އެއިރު އޮތް ރަސްކަން ބަދަލުކުރެއްވުމަށް ފަހުއެވެ. އެއީ އެ ޤައުމުގެ ޢަސްކަރިއްޔާގެ ތެރެއިން ގެންނެވި އިންޤިލާބަކުންނެވެ. ރަސްކަން ކުރައްވަމުން ގެންދެވީ އިދްރީސުއްނަސަވީ ކިޔާ ބޭފުޅެކެވެ. ނަސަވީ ޢާއިލާއިން ލީބިޔާގައި 10 ބޭފުޅުން ރަސްކަން ކުރެއްވި އެވެ.

ލީބިޔާގައި އޮތް ރަސްކަން ބަދަލުކުރައްވައި އެ ޤައުމުގެ ލީޑަރަކަށް ޤައްޛާފީ ވަޑައިގެންނެވި އިރު ޢުމުރުފުޅަކީ އެއްމެ 27 އަހަރެވެ. ޤައްޛާފީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ލީބިޔާއަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. ފުދިންގެން އުޅޭ ރައްޔިތަކަށް އެޤައުމުގެ ރައއްޔިތުން ހެއްދެވުމަށްޓަކައި ސިޔާސަތު ބައްޓަން ކުރެއްވިއެވެ. އަދި އެ ޤައުމަކީ ޢަރަބިކަރަ އާއި، އެފްރިކާގައި ނަން ހިނގާ ނުފޫޛު ގަދަ ޤައުމެއްގެ ގޮތުގައި ހައްދަވައި، މަޝްހޫރުކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވިއެވެ.

މި މަޝްހޫރުކަމުގެ ތެރޭގައި އޭނާގެ ހަށިފާރަވެރިންގެ ގޮތުގައި ގެންގުޅުއްވި އަންހެން ހަށިފާރަވެރިންގެ ފައުޖެއް ގެންގުޅުއްވުމުގެ ސަބަބުން ވެސް މަޝްހޫރުކަން ލިބިވަޑައިގަތެވެ. ހަމަ އެއާ އެކު ބަދުނާމުގެ ބަސްތަކާ ވެސް ކުރިމަތި ވެ ވަޑައިގެންނެވިއެވެ. ބުނެވޭ ގޮތުގައި އޭނާގެ ހަށިފާރަވެރިންގެ ތެރޭގައި ފިރިހެނުންނާއި، އަންހެން ސިފައި ތިއްބެވެ. އޭގެތެރެއިން ވެސް އަންހެން ފައުޖަކީ ޚާއްޞަކުރެއްވި ފައުޖެއް ކަމުގައި މީޑިއާގައި ފާހަގަ ކޮށްފައި ވެއެވެ. ބުނެވޭ ގޮތުގައި އަބަދު ވެސް ޤައްޛާފީގެ ހަށަފާރަވެރިންގެ ތެރޭގައި 30 އަންހެން ހަށަފާރަވެރިން ތިބެއެވެ.

އެއްމެ އަރިހުގައި އަންހެން ހަށިފާރަވެރިން ގެންގުޅުއްވި ސަބަބު ކަށަވަރުވެފައި ނުވެއެވެ. ނަމަވެސް އަޑުފެތުރިފައި ވާ ގޮތުގައި އަންހެން ހަށި ފަރަވެރިން، ފިރިހެން ހަށިފާރަވެރިންނަށް ވުރެ މާ ވަފާތްތެރި ވާނެކަމަށް ޤައްޛާފީ ޤަބޫލުކުރެއްވި ކަމުގައެވެ. މިގޮތުން އެމަނިކުފާނު ޤައުމުގައި ހުންނަވާއިރު ވެސް އަދި ޤައއުމުން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ވެސް ހަށިފާރަވެރިންގެ ގޮތުގައި މައިގަނޑުގޮތެއްގައި ގެންގުޅުއްވީ އަންހެން ހަށިފާރަވެރިން ކަމުގައި ޕާކިސްތާނުގެ ބޮލޮގަރ އެއް ކަމުގައި ވާ ޢާދިލްގެ ރިޕޯޓެއްގައި ވެއެވެ.

އޭނާ ހާމަކުރައްވާ ގޮތުގައި އަންހެން ހަށިފާރަވެރިންނަކީ ޢަރަބް އަދި ޢަރަބި އެފްރިކާ ނަސްލުގެ އަންހެނުންނެވެ. މި ގާޑުންގެ ފައުޖަށް ދެވިފައި ވާ ނަމަކީ 'އެމެޒޮނިން ގާޑް' ނުވަތަ ހައިޕަ ގާޑް" އެވެ. 1969 ގައި ވެރިކަމަށް ވަޑައިގެންނެވުނު ނަމަ ވެސް ޤައްޛާފީ އަށް ލީބިޔާގެ ފުރިހަމަ ކޮންޓްރޯލް ނެންގެވުނީ 1980 ގައެވެ. އެއީ އޭނާ ފެށްޓެވި ސިޔާސަތުތައް ތަންފީޛުވެ، އެ ޤައުމުގެ ރައްޔިތުންގެ ތެރޭގައި މަޤުބޫލު ބޭފުޅަކަށް ވެވަޑައި ގެންނެވުނީ މިހާ ހިސާބުގައެވެ. އަދި އެ މަނިކުފާނަކީ، ރައްޔިތުންނަށާއި، ޤައުމަށާއި، ޢަރަބީންނަށް ހެޔޮ އެދިވަޑައިގަންނަވާ ލީޑަރެއް ކަމުގައި އެ ޤައުމުގެ މީހުންގެ ހިތުގައި ބިންވަޅު ނެގުނެވެ. އަދި އެ ޤައުމަށް ގެންނެވި ބޮޑު ބަދަލާއި، ޢަރަބި ބައްރަށް ގެންނަވަން ބޭނުން ފުޅުވާ ސިޔާސަތުތައް މީހުން ޤަބޫލުކުރަން ފެށުމާއެކުއެވެ.

ޤައްޛާފީގެ މި ބޮޑީގާޑު ފައުޖަށް މިލްޓްރީ ތަންރީނާއި، ބޮޑީގާޑުންގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ވަރުގަދަ އަދި ހަރުކަށި ތަމްރީނު ފޯރުކޮށްދިން ކަމުގައި ވެއެވެ. މި ހައިޕަރ ގާޑް ގުރޫޕަށް ނިސްބަތްކޮށް ތަފާތު އަޑުތައް ފެތުރިފައި ވެއެވެ. އެއީ ޤައްޛާފީގެ ވަހުށީކަމުން ގެންގުޅުއްވާ ހަށިފާރަވެރިން ކަމުގައި ވެސް މީޑިއާގައި އެ ދުވަސްވަރު ލިޔެފައި ވެއެވެ. ޤައްޛާފީ އާއި، ސަރުކާރުގެ އިސް ބޭފުޅުންގެ ބޭނުންތަކަށް ގެންގުޅުއްވި ބައެއް ކަމުގައި ވެސް ލިޔެފައި ވެއެވެ.

އެހެނީ އަންހެން ބޮޑީގާޑުން ތިބެނީ އަބަދު ވެސް ޒީނަތްތެރި ވެގެންނެވެ. މޭކަޕް ކޮށް ރީތި ވެގެންނެވެ. ހައިހިލްސް ބޫޓުގައެވެ. ސެންޓުޖަހައި ވަސް ދުއްވާފައެވެ. ލޮލުގައި އަނދުން އަޅާފަ ހުންނަން ޖެހެއެވެ. ބޮލުގެ އިސްތަށިގަނޑު ފުނާ އަޅައި ތަރުތީބުން، ރިތިކޮށް ތިބެންޖެހެއެވެ. މި ގާޑުން ހޮއްވެވީ ޚުދު ޤައްޛާފީކަމުގައި ވެއެވެ.

ނަމަވެސް މި ވާހަކަތަކަށް ރައްދު ދެއްވާ ބޭފުޅުން ވިދާލުވެފައިވާ ގޮތުގައި 1998 ގައި ޤައްޛާފީއަށް ދެވުނު ޓެރެރިސްޓް ޙަމަލާއިން އެ ބޮޑީ ގާޑުން ގެ ހުށިޔާރު ކަމާއި، ތަމްރީނު ލިބިފައިވާ މިންވަރު ހާމަވިއެވެ. އެއީ ކާކުކަން ނޭނގޭ މީހަކު ޤައްޛާފީ އަވަހާރަ ކޮށްލުމަށް ޙަމަލާ އެއް ދިނެވެ. މި ޙަމަލާގައި އަންހެން ބޯޑިގާޑުންގެ ތެރެއިން ދެ ގާޑުން ޒަޚަމްވެ އެއް ގާޑަކު މަރުވެފައި ވެއެވެ. ޤައްޛާފީ ސަލާމަތްވެ ވަޑައި ގެންނެވުނީ އަންހެން ބޮޑީގާޑެއްގެ ސަބަބުންނެވެ. ބޮޑިގާޑުންގެ ތެރެއިން ޢާއިޝާ ކިޔާ ގާޑަކު، ބަޑީގެ ވަޒަންތަކާއި، ޤައްޛާފީއާ ދެމެދަށް ވަދެ އަމިއްލަ ހަށިގަނޑު އައްޑަނައަކަށް ހެދިއެވެ. އަދި ޤައްޛާފީ ދިފާޢު ކުރި ކުރުމަކީ އެ ބޮޑީގަޑުން ވަފާތްތެރި ކަމަށް ވަކާލާތު ކުރައްވާ މުފައްކިރުން ނަންގަވާ ޕޮއިންޓެކެވެ.

ޤައްޛާފީގެ ސިޔާސަތު ތަކާ ދެކޮޅު އެމެރިކާ އާއި، ހުޅަނގުގެ ޤައުތަކުން ޤައްޛާފީގެ ވެރިކަން 2011 ގައި ވައްޓާލިއެވެ. އަދި އެ މަނިކުފާނާއި، ޢާއިލަގެ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނާއި، ވެރިކަމުގެ ބާރުވެރިންގެ ތެރެއިން ގިނަ މީހުން މަރާލިއެވެ. އޭގެ ފަހު އެ ބޮޑީގާޑުނަށް ވީ ނުވީއެއް ނޭނގޭ ކަމުގައި ލިޔުތަކުގައި ވެއެވެ.