މި އަހަރުގެ ބައިނަލްއަޤްވާމީ ނޫސްވެރިންގެ މިނިވަންކަމުގެ އިނާމު ފަލަޞްޠީނުގެ ނޫސްވެރިންނަށް ދޭ ގޮތަށް ނިންމައި އިއްޔެ އިޢުލާން ކޮށްފިއެވެ. އދ. ގެ ޔުނެސްކޯގެ 'ޕްރެސް ފްރީޑަމް' އިނާމު ލިބެނީ ޣައްޒާގައި އިޒްރާއީލުން ހިންގަމުން ގެންދާ ޤަތުލު ޢާއްމުގެ ޚަބަރުތައް ދުނިޔެ އަށް ހާމަކުރަމުން ގެންދާ ނޫސްވެރިންނަށެވެ. މި އިނާމު މި ފަހަރު ދެވެނީ އެއްމެ ނޫސްވެރިއަކަށް ނޫނެވެ. ފަލަޞްޠީނުގެ ހުރިހާ ނޫސްވެރިންނަށެވެ. މިއަދަކީ ދުނިޔޭގެ ނޫސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މެއި މަހުގެ 3 ވަނަ ދުވަހަކީ "ބައިނަލްއަޤުވާމީ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަސް" ގެ ގޮތުގައި 1992 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން ގެންދާ ދުވަހެވެ.
އިންޓަރނޭޝަނަލް ޖޫރީ އޮފް މީޑިއާ ޕްރޮފެޝަނަލް (ސީޕީޖޭ)ގެ ޗެއަރ މައުރީސިއޯ ވައިބަލް ހާމަކުރެއްވި ގޮތުގައި ޣައްޒާގައި ހިނަގމުންދާ ހަނގުރާމައިގެ އަނދިރި ދުވަސްވަރު އަދި އުއްމީދެއް ނެތް ދުވަސްވަރެއް ގައި ދުނިޔެއަށް ހާމަވަނީ ވަރުގަދަ މެސެޖެއް ކަމުގައެވެ. އެއީ ފަލަޞްޠިނުގެ ނޫސްވެރިން، ޣައްޒާގައި ހިނގަމުންދާ ކަންކަން ދުނިޔެއަށް ހާމަކުރަމުން ގެންދަނީ ބިރުވެރި ކަމާއި، ފުރާނަ ގެއްލިދާނެ ކަމުގެ ބިރުވެރި ކަމާއެކުއެވެ. މަޢުލޫމާތާއި، ޚަބަރު ގެނެސްދިނުމުގައި ފަހަތަށް ނުޖެހޭ ކަމެވެ. އެހެން ވުމުން މި އިނާމު ފަލަޞްޠީނުގެ ނޫސްވެރިންނަށް ޙައްޤު ކަމުގައެވެ. އަލްޖަޒީރާގައި ބުނެފައި ވެއެވެ.
މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދޭން ފެށިފަހުން 100 އަށް ވުރެ ގިނަ ނޫސްވެރިން ޝަހީދުވެފައި ވެއެވެ. މީގެ ތެރޭގައި ފަލަޞްޠިނުގެ ނޫސްވެރިންނާއި އެހެނިހެން ޤައުމުތަކުގެ ނޫސްވެރިންނާއި، މީޑިއާ ގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ. އޭގެތެރޭގައި ފޮޓޯގުރާފަރުންނާއި، ކެމެރާމަނުންނާއި، ސޯޝަލްމީޑިއާ އެކްޓިވިސްޓުން ވެސް ހިމެނެއެވެ. މި އީ ހަނގުރާމައެއްގައި މިހާތަނަށް މަރުވި އެއްމެ ގިނަ ނޫސްވެރިންގެ ޢަދަދެވެ. އޮކްޓޯބަރ މަހުން ފެށިގެން މިހާތަނަށް ފަލަޞްޠީނުގައި، މީޑިއާގައި މަސައްކަތް ކުރާ 97 ޖާނަލިސްޓަކާއި، ލުބްނާނުގެ 3 ޖާނަލިސްޓަކު މަރުވެފައި ވެއެވެ. އަދި 4 ޖާނަލިސްޓަކު ގެއްލިފައި ވާއިރު 25 ޖާނަލިސްޓަކު އިޒްރޭލުން ހައްޔަރު ކޮށްފައިވާ ކަމުގައި ސީޕީޖޭ. އިން ހާމަކޮށްފައި ވެއެވެ.