ފަލަސްތީނުގެ ޣައްޒާއަށް އަރައި ސްޔަހޫނީ އިޒްރޭލުން ހިންގަމުން އަންނަ ގަތުލް އާންމުގައި ފާއިތުވެދިޔަ ދެދުވަހުގެ ތެެރޭގައި 54 މީހުން ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ނޫސްތަތަކާއި އދ.އިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާއިން 54 މީހުން ޝަހީދު ކޮށްލުމުގެ އިތުރަށް ހައްދުފަހަނައެޅި އިޒްރޭލު ސިފައިން ވަނީ ފާއިތުވެދިޔަ ދެދުވަހުގެ ތެރޭގައި 100 އަށްވުރެ ގިނަ މީހުން ޒަހަމްވެސް ކޮށްލާފައެވެ.

އިޒްރޭލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ހައްދުފަނައެޅި ސިފައިން މިހާރު ގެންދަނީ ރަފަހުގެ ރެފިއުޖީ ކޭމްޕްތަކަށް ވައިގެ މަގުން ހަމަލާ ދެމުންނެވެ. ރަފަހަށް އަރައިގަންފިނަމަ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމަށް އދ. އިން އިންޒާރު ދީފައެވެ. އެކަމަކު އިޒްރޭލަކީ އދ. ގެ މިފަދަ އެއްވެސް އިންޒާރަކަށް އަދި އެގައުމާ ދެކޮޅަށް އދ.އިން ފާސްކުރާ އެއްވެސް އަމުރަކަށް މިހާތަނަށް އަމަލު ކޮށްފައިވާ ބައެއް ނޫނެވެ.

ޣައްޒާގެ މަޝްރަހް ކައިރިން ދިރާސާކުރަމުން އަންނަ ބައެއް ނޫސް އެޖެންސީތަކުން ލަފާކޮށްފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ރަފަހަށް އިޒްރޭލުން އަރައިގަންނާނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހު އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ގަތުލްއާންމު ހިންގަން ފެށުމުން ޣައްޒާ މުޅި އާބާދީ ކަހަލަ ގޮތަކަށް ރައްކާތެރިކަން ހޯދީ މިސްރުގެ ބޯޑަރާ ޖެހިގެން އޮންނަ ރަފަހުންނެވެ. މިވަގުތުވެސް ރަފަހުގައި މިލިޔަނަކަށްވުރެ ގިނަ ރައްޔިތުން ތިބި ކަމަށް ޚަބަރުތައް ބުނެއެވެ.