ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންސިއުމާ ކިލޯވޮޓް އަވާ (ކޭޑަބްލިއުއެޗް) މީޓަރު ސްމާޓް މީޓަރަށް ބަދަލުކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ގެންދަން ފަށައިފިއެވެ.

މިއީ ރިމޯޓް މީޓަރު ރީޑިން އާއި ޑޭޓާ އެއްކުރުމުގެ މަގު ފަހިކޮށްދީ، ފެނަކަ އާއި ކަސްޓަމަރުންނަށް ވެސް އެފިޝަންސީ އާއި ލުއި ފަސޭހަކަން އިތުރުކު ކުރުމުގެ މަގްސަދުގައި އެކުންފުނިން ފެށި މަސައްކަތެކެވެ.

ބ. އަތޮޅާއި މީމު އަތޮޅާއި ފ އަތޮޅާއި ދ އަތޮޅާއި ފުވައްމުލަކުގައި މި ޕްރޮގްރާމް މިހާރު ކުރިއަށް އެބަދެއެވެ. ވަކިން ހާއްސަކޮށް ދ. އަތޮޅުގައި ސްމާރޓް މިީޓަރަށް ބަދަލުކުރުން ނިމުމަކާ ގާތްވެފައިވާއިރު، ރަށްތަކުގެ ތެރޭގައި މީދޫ (%90)، ހުޅުދެލި (85%)، ރިނބިދޫ (%93)، މާއެނބޫދޫ (%91)، ބަނޑިދޫ (%86)، އަދި ކުޑަހުވަދޫ (%96) ހިމެނެއެވެ.

މީގެ އިތުރުން ކުޑަހުވަދޫއިން ވަނީ ރިމޯޓް ޑޭޓާ އެއްކުރުމުގެ ގާބިލުކަން ވެސް ހާސިލްކޮށްފަކަމަށް ފެނަކައިން ބުނެއެވެ.