ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ 4 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
އެކްސަސައިޒް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
އެމްއެންޑީއެފުން ބުނީ މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޕީޓަރ ރޮނެކް ވަނީ ރިމާކްސް ހުށަހަޅުއްވައި ދެއްވާފައި ކަމަށެވެ.
މިމަހު 5 ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
މީގެތެރެއިން އިންފެންޓްރީ އެސްއެމްއީއީ ލ.ކައްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގައެވެ.
މީގެއިތުރުން އެމްއެންޑީއެފުން ބުނީ ބްރިގޭޑް ނުވަތަ ބެޓާލިއަން ލެވެލްގައި އިންޓަގްރޭޓެޑް ކްރޮސް ފަންކްޝަނަލް ސްޓާފުން ލީޑުކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނެ ޓީޓީޕީއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި މި އަހަރުގެ އެކްސަސައިޒްގެ ތެރެއިން، "ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް" ގެ ނަމުގައި އައު އެންޑީވަރއެއް އެމްއެންޑީއެފާއި ޔޫއެސް އަސްކަރިއްޔާއާ ދެމެދު ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި ކަމަށެވެ.
މި އެންޑީވަރއާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިންގ ޕްރޮސެސްއާއި ޓްރެއިނިންގ މެނޭޖްމަންޓްގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެއެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޔޫއެސްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ހިއުގޯ ޔޮންއާގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ގިޔާސް އަދި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.