އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓްހަމް އަތުން 5-0 އިން މޮޅުވެ ޗެލްސީއިން ފެންވަރު ދައްކާލައިފިއެވެ.

ޗެލްސީގެ ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި ޗެލްސީ ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ. މެޗު ފެށިގެން 15 މިނެޓު ތެރޭގައި ޗެލްސީ ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކޯލް ޕާމާއެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ކޮނާ ގެލެގާ ވަނީ ލަނޑު ޖަހާ ޗެލްސީގެ ލީޑު ދެ ގޯލަށް އިތުރުކޮށްދީފައެވެ. އޭގެ ހަ މިނެޓު ފަހުން ނޯނީ މަޑުއޭކޭ ވަނީ ޗެލްސީގެ ލީޑު ތިން ގޯލަށް ފުޅާކޮށްފައެވެ. މަޑުއޭކޭގެ ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 3-0 އިން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ތިން މިނެޓު ތެރޭގައި ނިކޮލަސް ޖެކްސަން ވަނީ ޗެލްސީގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ޖެކްސަން ވަނީ މެޗުގެ 80 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ޖަހާ, ޗެލްސީގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މެޗުގައި އެދެވޭ ފަދަ ކުޅުމެއް ނުދެއްކުނު ވެސްޓްހަމްއަށް ވަނީ މެޗު ނިމިގެންދިޔައިރު ވެސް ސުންކަނޑާލެވޭ ގޮތް ނުވެފައެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލައިފިއެވެ. ޗެލްސީ ހަތްވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 54 ޕޮއިންޓާއެކުގައެވެ. އަށްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ލިބިފައިވަނީ 54 ޕޮއިންޓެވެ. ޔުނައިޓެޑު ކުޅެފައިވަނީ ޗެލްސީއަށްވުރެ އެއް މެޗު މަދުން ކަމަށް ވާތީ ޗެލްސީ ފަހާލައި ހަތްވަނައަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ.