އައްޑޫ ސިޓީގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮވެދާނެ ކަމަށް ބަލައި ރައްޔިތުންގެ ސަލާމަތަށްޓަކައި އިތުރު ފިޔަވަޅުތަކެއް އައްޑޫ ސިޓީކައުންސިލުން މިއަދު އަޅައިފިއެވެ.

މިއަދު ވަނީ އައްޑޫ ސިޓީގައި ހިންގާ ޖިމްތައް ބަންދުކޮށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުމަށް އަންގައިފައެވެ. އޭގެ އިތުރުން އައްޑޫގައި ހުރި އޮފީސްތައް އާއްމު ޚިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްދިނުމާއި، ސްކޫލްތަކުގެ ކޮންޓެކްޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމާއި ޓެކްސީ ޚިދުމަތްފޯރުކޮށްދޭނަމަ، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އަންގައިފައެވެ. އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދިއުން ވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ސެލޫންތަކާއި ބޯކޮށާ ތަންތަން ވެސް ވަނީ ބަންދު ކުރުމަށް އަންގައިފައެވެ.

"މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ." ސިޓީ ކައުންސިލުން ވިދާޅުވިފައިވެއެވެ.

އައްޑޫގައި މިހާރު ވެސް ގެންދަނީ ކޮންޓެކްޓް ޓްރޭސިން ހަދައި ކަރަންޓީން ކުރަންޖެހޭ ގެތައް ކަރަންޓީން ކުރަމުންނެވެ. އައްޑޫ އިން ކޮވިޑް 19 ފެނުމުން ސިއްޙީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެޗުޕީއޭއިން ވަނީ އެސިޓީ މޮނިޓަރިންއަށް ލައިފައެވެ. މިހާރު ވެސް ގެންދަނީ ކޮންޓެކްޓް ޓްރޭސިންގެެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ވަނީ 23 މީހުން ޕޮޒިޓިވްވެފައެވެ. ސާމްޕަލް ނަގަންޖެހޭޭ މީހުންގެ އަދަދު 300 އަށްވުރެ ގިނަ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.