އެ ބަހެއްގެ ތެދުކަން ޘާބިތުވެފައިވާ އިހުޒަމާނުގެ ޙިކުމަތްތެރި ބަހެއްގައި އައިސްފައިވެއެވެ. "މީސްތަކުންނަށް ޢަދުލު އިންޞާފު ގެ މުހިއްމުކަން ހާމަ ވާނީ މީސްތަކުންނަށް އަނިޔާވެރިކަމާއި، ބޭއިންޞާފު ތަޙައްމަލްކުރަން ޖެހުމުންވެ. އަދި ފުރިހަމަ ޞިއްޙަތެއްގެ އަގުވަޒަން ކުރެވޭނީ އިންސާނާއަށް ބަލިމަޑުކަމުގެ ސަބަބުން ލިބޭ އުނދަގޫތައް އުފުލަން ޖެހުމުންނެވެ."

އިސްލާމްދީނާ މެދު ޝައްކުއުފައްދަން މަސައްކަތްކުރާ މީހުންގެ ހިތްތަކުގައިވާ ޙަސަދުވެރިކަން ބޮޑުވުމުގެ ސަބަބުން ކަންކަމުގެ ޙަޤީޤަތް އޮޅުވާލުމަށް އެމީހުން ކުރާ މަސައްކަތްތަކުގެ ތެރެއިން އިސްލާމްދީނު ގައި އަންހެނުންނަށް އެއްވެސް މަޤާމެއް ލިބިގެން ނުވާކަން ހާމަކޮށްދިނުމަށް އެބައި މީހުން ދައްކާ ވާހަކަ ތަކަށާއި، އިސްލާމްދީނުގައި އެ ކަން އޮންނަނީ ކިހިނެއްތޯ ބަލައިލަން ޖެހެއެވެ.

1- އިންސާނިއްޔަތުގެ ގޮތުން އިސްލާމްދީނުގައި އަންހެނުންނަށާއި ފިރިހެނުންގެ ހަމަހަމަ ކަން.

އިސްލާމް ދީން އައުމުގެ ކުރިން އެހެން ދީންތަކުގެ މީހުންގެ ތެރޭގައި އަންހެނުންގެ މަޤާމް އޮތްގޮތަށް ބަލާއިރު ރޯމަނުންގެ ގާތުގައި އަންހެނުންނަކީ ރޫޙެއް ނެތް ޖިސްމެކެވެ. ނުވަތަ ފުރާނެއް ނެތް ހަށިގަނޑެކެވެ. މިގޮތުން މީލާދީން ފަސް ވަނަ ޤަރުނުގައި އަންހެނުންނަކީ ފުރާނައެއް ނެތް ހަށިގަނޑެއްތޯ ނުވަތަ ފުރާނަ ހުރި ހަށިގަނޑެއްތޯ ކަނޑައެޅުމަށް ކޮންފަރެންސެއް ބޭއްވުނެވެ. އަދި އޭގެ ފަހުން މީލަދީން ސަތާރަ ވަނަ ޤަރުނުގައި އަންހެނުންނަކީ ފުރާނައެއް ނެތް ހަށިގނޑެއްކަމަށް ފަތުވާ ނެރުނެވެ. އަދި މީލާދީ ގޮތުން 6 ވަނަ ޤަރުނަގައި ވެސް ފަރަންސޭސިން ވަނީ އަންހެނުންނަކީ އިންސާނުންތޯ ނުވަތަ އެހެން ބައެއްތޯ ބެލުމަށް ބަޙުޘް ކުރުމަށް ކޮންފަރެންސެއް ބައްވާފައެވެ. މިކޮންފަރެންސުއިން ނެރުނު ޚުލާޞާ ބަޔާނުގައި ބުނެފައި ވަނީ އެބައި މީހުންނަކީ އިންސާނުންކަމަށާއި، އެމީހުން އުފެއްދެވިފައި ވަނީ ފިރިހެނުންގެ ޚިދުމަތުގައި ކަމަށެވެ.

ކުރިން މިބަޔާން ކުރެވުނު މީހުން އަންހެނުންނާއި މެދު އެފަދަ ނަޒަރަކުން ދެކެމުން ދިޔަކަމުގައި ވިނަމަވެސް އިސްލާމްދީން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަންހެނުންނާއި، ފިރިހެނުންނަކީ އިންސާނިއްޔަތުގެ ގޮތުން ހަމަހަމަ ބައެއްކަމަށާއި، އެއްވެސް ތަފާތެއް ނެތްކަމުގެ އިޢުލާންކުރިއެވެ. އަންހެނުންނަށް ޚާއްޞަކުރެވި އަންހެނުންގެ ނަމުން ނަންދެވިފައިވާ ސޫރަތެއް (ސޫރަތުއްނިސާއު) ބާވައިލައްވަފައި ވެއެވެ. އެ ސޫރަތުގައި އަންހެނުންގެ ޙައްޤުތަކަށް ވަކާލަތުކުރެވިފައި ވެއެވެ. އަދި ހައްޤުތައް ފޯރުކޮށްދިނުމަށް އިސްލާމީ އުއްމަތަށް އަންގަވާފައި ވެއެވެ.

2-ކަރާމާތްތެރިކަމުން އަންހެނުންނަށާއި ފިރިހެނުންގެ ހަމަހަމަ ކަން.

ޔަހޫދީންގެ ނަޒަރުގައި އަންހެނުންނަކީ ވިޔަފާރި މުދާ ގަނޑެކެވެ. ނަޞާރައިން ދެކެމުންދިޔަ ގޮތުގައި އަންހެނުންނަކީ ބޮޑުވެގެންވާ މުޞީބާތެކެވެ. ޖާހިލިއްޔަ ޒަމާނުގައި ޢަރަބީން ދެކެމުން ދިޔަގޮތުގައި އަންހެނުންނަކީ ފަގީރުކަމާއި އަބުރަށް ހުތުރު އެރުވުމަށް މެދުވެރިވެފައިވާ ސަބަބެކެވެ. އެހެންނަމަ ވެސް އިސްލާމްދީން އައުމަށް ފަހު ކަރާމާތް ތެރިކަމުގެ ގޮތުން އަންހެނުންނާއި، ފިރިހެނުން ހަމަހަމަ ކަމުގެ ތިލަފަތަށް ލިއެވެ. ކީރިތި ޤުރްއާނުގެ ސޫރަތުލް އިސްރާއުގެ 70 ވަނަ އާޔަތުގެ މާނާގައި ވަނީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެ ދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒްޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.

3-ޢަގުދުތަކުގައިއާއި އިގުރާރުތަކުގައި އަންހެނުންނަށާއި ފިރިހެނުންގެ ހަމަހަމަ ކަން.

މުއައްލިފުންނާއި، މުފައްކިރުންގެ ލިއުންތަކުން އެނގޭ ގޮތުގައި ދާދި ފަހަކާއި ޖެހެންދެން ފަރަންސޭސި ވިލާތުގައި އާއި ޔޫރަޕުގެ ބައެއް އެހެން ގައުމުތަކުގައި އަންހެނުންނަށް އެމީހުންގެ އަމިއްލަ މުދަލުން ތަސައްރަފު ކުރުން ނުވަތަ ގަނެއްވިއްކައި ވިޔަފާރި ކުރުން ފިރިމީހާގެ ހުއްދަނެތި ނުކުރެވެއެވެ.

އެހެންނަމަ ވެސް އިސްލާމްދީނުގައި އަންހުންނަށް ވިޔަފާރީގައި އާއި އެ ނޫން ވެސް މުޢާމަލާތް ތަކުގައި ފިރިހެނުންނެކޭ އެއްފަދައިން އެއްދަރަޖަ ދިނެވެ. އަންހެނުން އަމިއްލަ ވިޔާފާރި ކުރުމާއި، ހިބައިން ދިނުމާއި، ކުންފުނިހެދުމާއި، ދަރަންޏަށް ދިނުމާއި، އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީދިނުމާއި، މިފަދަ ހުރިހާކަމެއްގައި އެމީހުންގެ މުދަލުން ތަޞައްރަފު ކުރުމުގެ ހުއްދަ އަންހުންގެ އިޚުތިޔަރަށް ވަނީ ދޫކޮށްފައެވެ. ފިރިމީހާގެ ހުއްދަ އެއް މިއިން އެއް ވެސް ކަމެއްގައި ހޯދާކަން ވެސް ނުޖެހެއެވެ.

4-ވާރުތަމުދަލުގައި އަންހެނުންނަށާއި ފިރިހެނުންގެ ހަމަހަމަ ކަން.

ކުރީގެ ދީންތަކުގައި އަންހެނުންނަށް ވާރުތަ މުދާ ލިބުމަކީ ވަރަށް ދަތި އުނަދަގޫކަމެކެވެ. ޔަހޫދީ ދީނުގައި އަންހެން ކުއްޖާ ބާލިޣު ނުވާނަމަ ވާރުތަ މުދަލުން ނުލިބެއެވެ. ޖާހިލިއްޔަ ޒަމާނުގައި ޢަރަބީންގެ ތެރޭގައި އޮންނަ ގޮތުން އެއްގޮތަކަށް ވެސް އަންހެނުންނަށް ވަރުތަމުދަލުން ނުލިބެއެވެ. އަންހެނުން ވަނީ ވާރުތަ މުދަލުން މަޙޫރޫމް ކުރެވިފައެވެ.

ނަމަވެސް އިސްލާމްދީން އަންހެނުންނަށް ވާރުތަ މުދަލުން އެ މީހުންނަށް ޙައްޤުވާ މިންވަރު ކަނޑައަޅައި އެ މީހުންނަށް ވާރުތަ ލިބޭ ގޮތް ހެއްދިއެވެ. ސޫރަތުއް ނިސާއުގެ ހަތް ވަނަ އާޔަތުގެ މާނާގައި ވަނީ: "މައިން ބަފައިންނާއި، ތިމާގެ މީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށް ވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުން ވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ." އެހެންނަމަވެސް ހުރިހާހަލަތެއްގައި އަންހެނުންނާއި ފިރިހެނުން ވާރުތަ މުދަލުގައި އެއްވަރެއްނޫނެވެ.

5-ޝަރުޢީ ތަކުލީފުތަކުގައި އަނެހުންނާއި ފިރިހެހުނުންގެ ހަމަހަމަކަން

އިސްލާމްދީނުގައި ﷲއަށް އީމާންވުމާއި ކުރާ ޢަމަލުތަކަށް ޖަޒާދެއްވުން ފަދަ ކަންތަކުގައި އަންހެނުން ނާއި ފިރިހެނުން ހަމހަމަ އެވެ. އާލު ޢިމްރާނު ސޫރަތުގެ 195 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވަނީ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، عمل ކުރާ މީހެއްގެ عمل، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ." މި ފަދައިންނެވެ.

6-ތަޢުލީމު އުނގެނުމުގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަން.

އިސްލާމްދީނުގައި ޢިލްމު އުނގެނުމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެއްވެސް ތަފާތެއް ނުވެއެވެ. އަންހެނުންނާއި، ފިރިހެނުންނަށް ވެސް ތަޢުލީމު އުނގެނުމުގެ ފުރިހަމަ ޙައްގު ލިބިގެންވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ އަލައިހިވަސައްލަމަގެ ހަދީޘެއްގެ މާނާގައި ވެއެވެ. "އެއްދުވަހަކު ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. ކަލޭގެފާނު ފިރިހެނުންނަށް ދީނުގެ ކަންތައް އުނގަންނައި ދެއްވަމު ނޫންތޯއެވެ. އެހެންކަމުން އަންހެނުންނަށް ވެސް ޚާއްޞަ ދުވަހެއް ނުވަތަ ދުވަސްތަކެއް ކަނޑަ އަޅުއްވަން ވީ ނޫންތޯއެވެ. އެދުވަސްތަކުގައި ތިމަން ކަނބަލުން ކަލޭގެފާނުންގެ އަރިހަށް އަތުވެދާނަމެވެ. އަދި އެދުވަސްތަކުގައި ކަލޭގެފާނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާ ދެއްވާފައިވާ ތަކެތީންތިމަން ކަނބަލުންނަށް އުނގަންނަވައި ދެއްވާށެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެ ވެނި މި ވެނި ދުވަހެއްގައި އަންނާށެވެ. ދެން އެ މީހުންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުނގަންނަވައދެއްވިއެވެ.

ދީނީ ތަޢުލީމާއި ދުނިޔަވީ ތަޢުލީމު އުނގެނުމުގައި ވެސް އަންހެނުންނާއި ފިރިހެނުންގެ އެއްވެސް ތަފަތެއްނުވެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘެއްގެ މާނާގައިވެއެވެ. "ރީތި އަދަބުތަކާއި، ރަނގަޅު އަޚުލާޤު އުނގަންނައި ދިނުމަށްވުރެ ރަނގަޅު އަދި އަގުބޮޑު ހަދިޔާއެއް ބައްޕައަކު ދަރިއަކަށް ނުދެއެވެ." މިހަދީޘުން އެނގޭ ގޮތުގައި އަންހެން ކުދިންނާއި، ފިރިހެންކުދިންގެ މެދުގައި އެއްވެސްތަފާތެއް ނުވެއެވެ. ފިރިހެން ކުދިންނާއި، އަންހެންކުދިން ވެސް ހަމަހަމަ އެވެ. އެހެން ހަދީޘެއްގައި މާނާގައިވެއެވެ. އެއްވެސް މުސްލިމަކަށް ދެވއަންހެން ކުދިންލިބިފައި، އެދެކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކޮށްފިނަމަ އެމީހަކަށް ސުވަރުގެ ނުދެއްވައި ﷲ ސުބްޙަނަހޫވަތަޢާލާ އެމީހަކު ދޫކޮށް ނުލައްވާނެއެވެ.

މިނޫނަސް މިފަދަ އެތައް ކަމެއްގައި އިސްލާމްދީން ވަނީ އަންހެނުންނާއި، ފިރިހެނުން ހަމަހަމަ ކުރައްވާފައެވެ. ދުނިޔެމަތީގެ ޢުގޫބާތްތަކުގައި އާއި، ޙައްދުތައް ކަނޑައެޅިފައިވާ ކަންތަކުގައި އާއި، ފާފައަކަށް އަރައިގެންފިނަމަ ވެސްމެއެވެ. މިސާލަކަށް މީހަކު މެރިކަމުގައި ވިނަމަވެސް، ވައްކަން ކުރިމަކުގައި ވިނަމަވެސް، ގަޒުފު ކުރިކަމުގައި ވިނަމަވެސް، ރާބުއި ކަމުގައި ވިނަމަވެސް، ކޮންމެ ފިރިހެނަކަށާއި ކޮންމެ އަންހެނަކަށް ޙައްދު ގާއިމު ކުރުމުގައި އެއްވެސް ތަފާތެއް ނުވެއެވެ.

މިކަންކަމުގެ އިތުރުން އިސްލާމްދީން ވަނީ އަންހެނުންނަށް އިޙުތިރާމު ކުރުމުގެ ގޮތުން އަންހެނުންނަކީ އެމީހުންގެ މުޅި އުމުރުގައި ވެސް، އަބަދުގައި ވެސް ފިރިހެނެއްގެ ޙިމާތް ލިބިގެންވާ ބައެއްކަމުގައި ލައްވަފައެވެ. ކުޑައިރު ބައްޕަގެ ބެލުމުގެ ދަށުގައެވެ. ބޮޑުވުމަށް ފަހު ފިރިމީހާގެ ނުވަތަ ވާރުތަވެރިންގެ ބެލުމުގެ ދަށުގައެވެ. ނުވަތަ ފިރިހެން ދަރީންގެ ބެލުމުގެ ދަށުގައެވެ.