އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން އިސްނަގައިގެން ކުރި ދިރާސާއަކުން ހަނދުގެ ޕޯލާ ކްރެޓާތަކުގެ ތެރޭގައި ގަނޑުފެން ޖަމާވެފައިވާ ހުރި ތަން ވަނީ އެ އިދާރާގެ ޗަންދްރަޔާން-2 މިޝަން ގެ ތެރެއިން ފެނިފައެވެ.

އިންޓަނޭޝަނަލް ސޮސައިޓީ ފޯ ފޮޓޯގްރަމެޓްރީ އެންޑް ރިމޯޓް ސެންސިން ޖާނަލްގައި ތަފްސީލުކޮށް ޝާއިއުކޮށްފައިވާ މި ހޯދުމަކީ ހަނދު އެކްސްޕްލޮރޭޝަންއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އިސްރޯ އާއި އައިއައިޓީ ކާންޕޫރު ފަދަ އިތުބާރުު ހުރި މުއައްސަސާތަކުގެ ސައިންސްވެރިން ހިމެނޭ މި ދިރާސާ ޓީމުން ހާމަކޮށްފައިވާ ގޮތުގައި ސަބްސަރފޭސް އައިސް ރިޒާވް އަކީ ފުރަތަމަ މީޓަރުތަކުން ފެނުނު ސަރފޭސް އައިސްއަށްވުރެ 5-8 ގުނަ ބޮޑު ރިޒާވްތަކެކެވެ.

އިސްރޯއިން ލަފާކުރާގޮތުގައި މި ހޯދުމުގެ ސަބަބުން ހަނދުގައި ދިގު މުއްދަތަކަށް އިންސާނުން ތިބުމުގެ އުންމީދަށް ލިބިގެންދާނެ ކުރިއެރުމެކެވެ. ޑްރިލިން މެދުވެރިކޮށް މި ގަނޑުފެން ހޯދުމަކީ މުސްތަގުބަލުގައި ހަނދުގެ މިޝަންތަކާއި ހަނދުގެ ސަރަޙައްދުގައި އިންސާނުންގެ ޙަރަކާތްތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމަކަށްވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ދިރާސާގައި އައިސް ބެހުމުގައި ސަރަހައްދީ ތަފާތުތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު، ހަނދުގެ އުތުރު ޕޯލްގައި ދެކުނު ޕޯލްއާ އަޅާބަލާއިރު ދެ ގުނަ އައިސް އެކުލެވިގެންވެއެވެ. މުސްތަގުބަލުގައި މިޝަންތައް ރޭވުމަށާއި ލޭންޑިން ސައިޓްތައް ކަނޑައެޅުމުގައި މި ޢިލްމަކީ އަގުހުރި ޢިލްމަަކަށް ވެގެންދާނެއެވެ.

ނާސާގެ ލޫނަރ ރިކޮނިސެންސް އޯބިޓާގެ އެކި އެކި ވަސީލަތްތަކުގެ ޑޭޓާ ބޭނުންކޮށްގެން އެ ޓީމުން ވަނީ ހަނދުގެ ގަނޑުފެން ބެހުމާއި އުފެދުނު ގޮތް ވަރަށް ރަނގަޅަށް ދިރާސާކޮށްފައެވެ. މި ދިރާސާއަކީ ހަމައެކަނި އިސްރޯގެ މުސްތަގުބަލުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެކްސްޕްލޮރޭޝަން ޕްލޭންތަކަށް އެހިވެދޭނެ ކަމެއް ނޫން ކަމަށާއި ހަނދުގެ "ވޮލަޓައިލްސް" ސިފަކުރުމަށް އަމާޒުކުރާ މިޝަންތަކަށް ލޭންޑިން ސައިޓްތައް ކަނޑައެޅުމުގައި ވެސް އެހީތެރިވެދޭނެ ކަމަކަށް ވެގެންދާނެކަމަށް އިސްރޯއިން ބުނެއެވެ.

އިސްރޯގެ ސްޕޭސް އެޕްލިކޭޝަން ސެންޓަރު (އެސްއޭސީ) އިން މީގެ ކުރިން ކުރި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ދިރާސާއަކީ ހަނދުގެ ތަހުލީލުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ހަނދުގައި ސައިންޓިފިކް ހޯދުންތަކާއި އިންސާނުންގެ މިޝަންތަކަށް މަގު ފަހިކޮށްދޭ ދިރާސާއެކަަމަށް އިސްރޯއިން ބުނެއެވެ.