އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލޭސް އަތުން 4-0 އިން ބަލިވެ, މެންޗެސްޓާ ޔުނައިޓެޑަށް ދެން އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތަކުން ޖާގަ ލިބުމުގެ ފުރުސަތު ހަނިވެއްޖެއެވެ.
ޕެލޭސްގެ ދަނޑު ކަމުގައިވާ ސެލްހާސްޓް ޕާކުގައި ކުޅުނު މެޗު ޕެލޭސްއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ޕެލޭސް ވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މައިކަލް އޮލީސްއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ޖީން ފިލިޕް މަޓޭޓާ ވަނީ ލަނޑު ޖަހާ ޕެލޭސްގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ.
ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ޓައިރެކް މިޗެލް ވަނީ ޕެލޭސްގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. ޕެލޭސްގެ ފަހު ލަނޑު ޖަހައިދިނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އޮލީސްއެވެ. މި ލަނޑަކީ މެޗުގެ 66 ވަނަ މިނެޓުގައި, ޔުނައިޓެޑަށް ސެންޓާބެކަށް ކުޅެދިން ކަސެމީރޯއަށް ހެދުނު ގޯހަކުން އޮލީސް ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގައި ޔުނައިޓެޑުގެ ފަރާތުން ފެންވަރު ދަށް ކުޅުމެއް ފެނިގެންދިޔައިރު, ޕެލޭސްގެ ގޯލާ އަމާޒުކޮށް އެ ޓީމަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ. މި މެޗުން ބަލިވުމާއެކު ޔުނައިޓެޑު ވަނީ މި ސީޒަނުގައި ލީގުގައި 13 މެޗުން ބަލިވެފައެވެ. އެއާއެކު މިއީ, ޔުނައިޓެޑުގެ ދިގު ތާރީހުގައި ލީގުގައި އެންމެ ގިނަ މެޗުން ބަލިވި ސީޒަނަށް ވަނީ ވެފައެވެ.
މެޗުން ބަލިވުމާއެކު ޔުނައިޓެޑު ވަނީ ތާވަލުގެ އަށްވަނައަށް ވެއްޓިފައެވެ. ޔުނައިޓެޑު އަށްވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 54 ޕޮއިންޓާއެކުގައެވެ. ޔޫރަޕުގެ ކޮންފެރެންސް ލީގަށް ކޮލިފައިވާން ބޭނުންވާނަމަ ޔުނައިޓެޑު ޖެހޭނީ ތާވަލުގެ ހަވަނައިގައި 56 ޕޮއިންޓާއެކު އޮތް ނިއުކާސަލް ފަހާލާށެވެ. ނަމަވެސް ލީގުގައި ބާކީ ކުޅެން އޮތީ އެންމެ ތިން މެޗު ކަމަށްވާތީ ނިއުކާސަލް ފަހާލައި, ކޮންފެރެންސް ލީގުގެ ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ޔުނައިޓެޑަށް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.