ރޮމެލޫ ލުކާކޫ ވިއްކާލުމުގެ މަސައްކަތް ޗެލްސީއިން ފަށައިފިއެވެ.

އިތުބާރު ހުރި ފުޓުބޯޅަ ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ އިންސްޓަގްރާމްގައި ހާމަކުރި ޕޯސްޓެއްގައި ވަނީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ލުކާކޫ ވިއްކާލުމަށް ޗެލްސީއިން ވަނީ ތައްޔާރީތައް ފަށާފައެވެ.

ފަބްރީޒިއޯ ހާމަކުރި ގޮތުގައި ޗެލްސީއިން ލުކާކޫގެ އަގަކަށް ކަނޑައަޅާފައިވަނީ 40 މިލިއަން ޑޮލަރުގެ އަގެކެވެ. ޗެލްސީއިން ވަނީ ލުކާކޫ ގަތުމަށް ބޭނުންވާ ކޮންމެ ކްލަބަކުން ވެސް އޮފާ ކޮށްފިނަމަ ނެގޯޝިއޭޓް ކުރާނެ ކަމަށް ހާމަކޮށްފައެވެ. ސަބަބަކީ ޗެލްސީ ކުރިއަށް ގެންދާ ޕްރޮޖެކްޓުގައި ލުކާކޫ ނުހިމެނޭ ކަމަށް އެ ކްލަބުން ދެކޭތީއެވެ.

ލުކާކޫ މިހާރު ކުޅެމުން އަންނީ ލޯނެއްގެ މަތުން ރޯމާއަށެވެ. އޭނާ ވަނީ މި ސީޒަނުގައި ރޯމާއަށް 44 މެޗު ކުޅެދީ 20 ލަނޑު ކާމިޔާބު ކޮށްދީފައެވެ.