އިސްރާއީލާއި، ޙަމާސްގެ މެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ޙަމާސް ޖަމާޢަތުން އެއްބަސްވެއްޖެއެވެ. މީޞްރާއި، ޤަޠަރުން އެކުލަވާލައިފައިވާ މި އެއްބަސްވުމަށް އަދި އިޒްރޭލުން ވަކި ޖަވާބެއް ދީފައި ނުވެއެވެ. ހަ ހަފްތާގެ ތެރޭގައި ހަނގުރާމަ ހުއްޓާލައި ޞުލްޙަ ވުމަށް އެކުލަވާފައި ވާ މި އެއްބަސްވުން ޙަމާސްއިން ޤަބޫލުކުރިކަމަށް އިޢުލާން ކުރެއްވީ ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އެވެ. އެއްބަސްވުން ޤަބޫލުކުރައްވާކަން އިސްމާޢީލް ހަނިއްޔާ ހާމަކުރެއްވީ ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީ އާއި، މިޞްރުގެ އިންޓަލިޖެންސް މިނިސްޓަރ ޢައްބާސް އަށް ރޭ ފޯނުކުރައްވައި އެވެ.
ޙަމާސުން މި އެއްބަސްވުމަށް އާނބަސް ދީފައި ވީނަމަވެސް އިޒްރޭލުން ބަހަނާތައް ދައްކަމުން ގެންދެއެވެ. އެ ޤައުމުގެ ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައި ވަނީ އެއްބަސްވުމުގައި އިޒްރޭލުން ހުށަހަޅާ ހުށަހެޅުންތަކާ އެއްގޮތް ނުވާ ކަމުގައެވެ. މިހެން އެ އޮފީހުން ހާމަކޮށްފައި ވި ނަމަވެސް އިޒްރޭލު ތަމްސީލުކރާނެ ވަފްދެއް އިތުރު މަޝްވަރާ އަށް މިޞްރަށް ފޮނުވާނެ ކަމަށް ލަފާކުރެވޭ ކަމުގައި އަލްޖަޒީރާ އިން ހާމަކޮށްފައިވެއެވެ. މި އެއްބަސްވުމާ ގުޅޭ ތަފްޞީލު ލިބިފައި ނުވެއެވެ. ނަމަވެސް މި އެއްބަސްވުން ފުރިހަމަކުރެވޭނީ ތިން މަރުޙަލާއެއްގައި ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ޙަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އިސްމެމްބަރެއް ކަމުގައި ވާ ޚަލީލުލްޙައްޔާ، އަލްޖަޒީރާ ޢަރަބް އަށް ވިދާޅުވީ މި އެއްބަސްވުމުގައި އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން ޣައްޒާއިން ފާބައި، އެތަނުގެ އަހުލުވެރިންނަށް އެނބުރި އާދެވޭނެ ކަމުގައެވެ. އަދި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލްޞްޠީނީން ވެސް މިނިވަން ކުރެވޭނެ ކަމުގައެވެ. މި ޕްރޮޕޯސަލް ގައި ޞުލްޙަ ޤާއިމުކޮށް ނިމޭނީ ތިން މަރުޙާލާ އިން ކަމަށާއި، ކޮންމެ މަރުޙަލާއެއް 42 ދުވަހުން ފުރިހަމަ ވާނެ ކަމުގައެވެ. ފުރަތަމަ މަރުޙާލާގައި ދެ ފާރާތުގެ ދެމެދު ސީދާ ސީދާ ވާހަކަ ނު ދެކެވޭނެ ކަމުގައެވެ. ނަމަވެސް ރަހީނުންނާއި، ޤައިދީން ބަދަލުކުރެވޭނެ ކަމުގައެވެ. އޭގެ އިތުރުން އިސްރާއީލުގެ ސިފައިންގެ ބައެއް ގުރޫޕުތައް ފައިބާން ފަށާނެ ކަމުގައި ވެސް ޚަލީލުލްޙައްޔާ އާ ޙަވާލާ ދީ އަލްޖަޒީރާގައި ލިޔެފައި ވެއެވެ.
ޞުލްޙައިގެ ވާހަކަ އަށް ޙަމާސް އިން އެއްބަސް ވެފައި ވީ ނަމަވެސް ރޭ ފަތިހުން ފެށިގެން އިޒްރާއީލުން ރަފަޙަ އަށް ޙަމަލާދެމުންނެވެ.