ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޕީއެސްޖީ އަތުން 1-0 އިން މޮޅުވެ, 2-0 ގެ އެގްރެގޭޓް ނަތީޖާއަކުން ސެމީ ކާމިޔާބުކޮށް, 11 އަހަރަށްފަހު ބޮރޫޝިއާ ޑޯޓްމަންޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޕީއެސްޖީގެ ދަނޑު ކަމުގައިވާ ޕާކް ޑެ ޕްރާންސްގައި ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގަށް ޑޯޓްމަންޑް ނިކުތީ, އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ކާމިޔާބުކޮށް, ލީޑުގައި އޮވެގެންނެވެ. ޕީއެސްޖީ ފައިނަލަށް ދަތުރުކުރަން ބޭނުންނަމަ މި މެޗު ކާމިޔާބު ކުރަން އެ ޓީމަށް މަޖުބޫރެވެ.

މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޕީއެސްޖީއިންނެވެ. އެގޮތުން ދެވަނަ ހާފުގެ 47 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފައެވެ.

ޕީއެެސްޖީއިން ޑޯޓްމަންޑުގެ ގޯލަށް ހަމަލާއަކަށްފަހު ހަމަލާއެއް ފޮނުވަމުންދިޔަ ކަމުގައިވިއަސް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ ޑޯޓްމަންޑްއެވެ. މި ލަނޑަކީ މެޗުގެ 50 ވަނަ މިނެޓުގައި މެޓް ހަމެލްސް ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ޑޯޓްމަންޑް ލީޑު ނެގުމާއެކު ޕީއެސްޖީ ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް, ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ނޫނޯ މެންޑޭސް ފޮނުވާލި ބާރުގަދަ ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަރާފައެވެ. މެޗުގެ 88 ވަނަ މިނެޓުގައި ޕީއެސްޖީގެ ވިޓީނިއާ ފޮނުވާލި ބޯޅައެއް ވެސް ވަނީ ގޯލުގެ ދަނޑިއަށް އަރާފައެވެ.

މެޗުގައި ޕީއެސްޖީ އެތައް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ކަމުގައިވިއަސް ސުން ކަނޑާނުލެވުމާއެކު އެ ޓީމަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

11 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި ޑޯޓްމަންޑް, ފައިނަލުގައި ނިކުންނާނީ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކްގެ ތެރެއިން މާދަމާ އޮންނަ ސެމީ ކާމިޔާބު ކުރާ ޓީމަކާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލު އޮންނާނީ 2 ޖޫން ވާ ދުވަހުއެވެ.