ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމާ ބެހޭ ގޮތުން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 3 އިން 9 ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ހިންގާ "ބީ އިންޓަރނެޓް އޯސަމް" ކޯސް މިއަދު އިފްތިތާހް ކޮށްފިއެވެ.

މި ކޯސް އިފްތިތާހްކުރީ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް މި ކޯސް ކުރިއަށް ގެންދާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުންނެވެ. މިއަދުގެ ޙަފްލާގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ އިންޓަރނެޓްގެ ފައްސި ފަރާތެއްވާ ފަދައިން އިންޓަރނެޓްގެ އަނދިރި ފަރާތެއްވެސްވާ ކަން ފާހަގަކުރައްވައިފައެވެ. މިނިސްޓަރ ވިދާޅުވީ އަދުގެ ދުނިޔޭގައި އިންޓަރނެޓަކީ ވަރަށް ބޮޑަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. އިންޓަރނެޓް އެހާ ބޭނުންތެރި އެއްޗަކަށްވުމުން މިހާރަށްވުރެ ރައްކާތެރިގޮތެއްގައި އިންޓަރނެޓް ބޭނުންކުރެވޭނެ ގޮތްތައް ބަލަންޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިން އިންޓަރނެޓްގެ އަނދިރިފަރާތުން ސަލާމަތްކުރުމަށް އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މި ޙަފްލާގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ، ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމަށް އަހުލުވެރި ކުރުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީ، ޔުނިސެފް އަދި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، ހިންގުމަށް ހަމަޖެހިފައިވާ "ސައިބަރ ސްމަރޓް"ކެމްޕެއިންގެ ޕޯސްޓަރާއި ޓްރެއިލަރ ވެސް އިފްތިތާހު ކޮށްދެއްވައިފައެވެ.

މި ކެމްޕެއިން އަކީ ސްކޫލް ކުދިން ކިޔެވުމަށާއި އެހެން ބޭނުންތަކަށް ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ކެމްޕެއިންގެ ދަށުން ކުދިންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް، އިންޓަރނެޓް ސޭފްޓީއާއި އޮންލައިން ލަރނިންގް ފަދަ މައުލޫއާއިގުޅޭ މަޢުލޫމާތު، ޕޯސްޓަރ، ވީޑިއޯ އަދި އެހެނިހެން ގޮތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ވިދޅުވިއެވެ.