ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބަޔާން މިއުނިކް އަތުން 2-1 އިން މޮޅުވެ, 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް މެޑްރިޑް މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ރެއާލުގެ ދަނޑު ކަމުގައިވާ ސަންޓިއާގޯ ބާނަބާއޯގައި ކުޅުނު މެޗަށް ދެ ޓީމުން ނިކުތީ, ސެމީގެ ފުރަތަމަ ލެގުގައި 2-2 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ފައިނަލުގެ ޖާގަ ކަށަވަރުކުރަން, މި މެޗުން މޮޅުވުމަކީ ދެ ޓީމަށް ވެސް މަޖުބޫރުކަމެކެވެ.
މެޗު ފެށިގެން ރެއާލުގެ ފަރާތުން ފެނިފައިވަނީ ވަރުގަދަ ކުޅުމެކެވެ. ރެއާލުން ވަނީ ލަނޑެއް ޖެހުމަށް ޓަކައި އެތައް ފުރުސަތެއް ފަހިކޮށްފައެވެ. ނަމަވެސް ބަޔާނުގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ އެ ހުރިހާ ހަމަލާތަކެއް ހުށިޔާރު ކަމާއެކު މަތަކޮށްފައެވެ.
ކުޅުމުގެ އޮއިވަރާ ހިލާފަށް މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ބަޔާނެވެ. މި ލަނޑަކީ މެޗުގެ 68 ވަނަ މިނެޓުގައި ބެން ޑޭވިސް ގޯލުގެ ކަނަށް ފޮނުވާލަައިގެން ކާމިޔާބު ކުރި ލަނޑެކެވެ.
ބަޔާން ލަނޑު ޖެހުމާއެކު ރެއާލް ވަނީ އިތުރަށް ކުޅުން ވަރުގަދަކޮށް ހަމަލާއަކަށް ފަހު ހަމަލާއެއް ބަޔާނުގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. އެ ގޮތުން ރެއާލް ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ލަނޑު ޖަހާފައެވެ. ނަމަވެސް ލަނޑު ޖެހުމުގެ ކުރިން ރެއާލުގެ ނާޗޯ, ބަޔާނުގެ ޖޯޝުއާ ކިމިޗްގެ މޫނުމަތީގައި ޖެހި ކަމަށް ބަލާ ރެފްރީ ވަނީ އެ ގޯލު ސައްހަ ނޫން ކަމަށް ނިންމާފައެވެ.
ރެއާލުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 88 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބަޔާނުގެ ގޯލްކީޕަރު ނޯޔާއަށް ހެދުނު ގޯހަކުން, ބަދަލު ކުޅުންތެރިތެއް ގޮތުގައި އެރި ހޮސެލޫ ކާމިޔާބުކުރި ލަނޑެކެވެ. ހޮސެލޫ ވަނީ އޭގެ ތިން މިނެޓު ފަހުން އޭނާގެ ދެވަނަ ލަނޑު ޖަހާ ރެއާލުގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
ރެއާލުން މެޗުގެ ލީޑު ނެގުމާއެކު ބަޔާން ވަނީ ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. އެ ގޮތުން މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުުރު ވަގުތުގެ 13 ވަނަ މިނެޓުގައި ބަޔާން ވަނީ ލަނޑު ޖަހާފައެވެ. ނަމަވެސް ބަޔާނުގެ މަޒަރޫއީ އޮތީ އޮފްސައިޑުގައި ކަމަށް ބަލާ ރެފްރީ ވަނީ އެ ގޯލު ސައްހަ ނޫން ކަމަށް ނިންމާފައެވެ.
މެޗު ނިމިގެންދިޔައިރު ވެސް ބަޔާނަށް މެޗުގެ ނަތީޖާ ހަމަހަމަ ނުކުރެވުމާއެކު ރެއާލަށް ވަނީ ސެމީ ކާމިޔާބު ކޮށް މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކުރެވިފައެވެ. ރެއާލުން ފައިނަލުގައި ނިކުންނާނީ 2 ޖޫން ވާ ދުވަހު ޑޯޓްމަންޑާ ދެކޮޅަށެވެ.