ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި 2-1 އިން ރެއާލް މެޑްރިޑް އަތުން ބަޔާން މިއުނިކް ބަލިވި މެޗުގައި ބަޔާނުން ފަހު ވަގުތު ޖެހި ލަނޑު އޮފްސައިޑު ކަމަށް ނިންމީ ގަވާއިދާ ހިލާފަށް ކަމަށް ބަޔާނުގެ ކޯޗު ތޯމަސް ޓޫޗެލް ބުނެފިއެވެ.
ރޭގައި ކުޅެވިގެންދިޔަ ފޯރިގަދަ މެޗުގައި 2-1 އިން ރެއާލް ކުރީގައި އޮތްވާ, ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ 11 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އެ ލަނޑު ޖެހުމުގެ ކުރިން ރެފްރީ ވަނީ ބަޔާނުގެ މަޒަރޫއީ ހުރީ އޮފްސައިޑުގައި ކަމަށް ބަލާ ކަށިގަށޑު ގޮއްވާފައެވެ. އެއާއެކު ބަޔާނުން ޖެހި ގޯލު ވެގެންގޮސްފައިވަނީ ކުޅުމުގެ ބޭރުން ކާމިޔާބު ކުރި ލަނޑަކަށެވެ.
ފީފާއިން ވީއޭއާރު އިފްތިތާހު ކުރި ފަހުން ހަދާފައިވާ ގަވާއިދުގެ ތެރޭގައި ހާމަކުރާ ގޮތުގައި ކުޅުންތެރިޔަކު އޮފްސައިޑު ކަމަށް ލައިންސްމަނަށް ހީވި ކަމުގައިވިއަސް އެ ޓީމުގެ އެޓޭކް ނިމެންދެން ލައިންސްމަން ދިދަ ނުހިއްލާ މަޑުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ރޭގެ މެޗުގައި ބަޔާނުގެ އެޓޭކް ނިމުމުގެ ކުރިން ލައިންސްމަން ވަނީ ދިދަ ހިއްލާފައެވެ.
ރޭގެ މެޗުގައި ބަޔާނުން ފަހު ވަގުތު ޖެހި ލަނޑުގައި ލައިންސްމަން މާ އަވަހަށް ދިދަ ހިއްލުމުން ވީއޭއާރު ބަލާ, ލަނޑު ރިވިއު ނުކުރެވުމުގެ ސަބަބުން ޓޫޗެލްގެ ވަރުގަދަ ހަމަލާގެ ބަސްތަކެއް ވަނީ ރެފްރީގެ ޓީމަށް އަމާޒުވެފައެވެ.
"ފަހު ވަގުތު އަހަރެމެން ޖެހި ލަނޑު ބަލައި ނުގަންކަން އެއީ ރެފްރީގެ ފަރާތުން ފެނުނު ވަރަށް އާދަޔާހިލާފު ނިންމުމެއް. އަހަންނަށް އިހްސާސް ވަނީ ފަހު ވަގުތު އަހަރެމެނަށް ރެފްރީއިން ގަސްތުގަ ލަނޑެއް ދިނީކަމަށް. އަވަހަށް ދިދަ ހިއްލުނީތީ ލައިންސްމަން އަހަރެމެން ކައިރީ މާފަށް ވެސް އެދުން. އެކަމަކު ދެން އެކަމުގައި ކުރެވޭނެ ކަމެއް ނެތް" ރޭގެ މެޗާ ބެހޭ ގޮތުން ވާހަކަދައްކަމުން ޓޫޗެލް ބުންޏެވެ.
ރޭގައި ކުޅުން ސެމީ ފައިނަލުން ބަލިވެ, ޗެމްޕިއަންސް ލީގަށް އަލްވަދާއު ކިޔަން ޖެހުމާއެކު, މި ސީޒަނަކީ 2011-2012 ވަނަ ސީޒަނަށްފަހު ބަޔާނަށް ތަށްޓެއް ކާމިޔާބު ނުކުރެވޭނެ ފުރަތަމަ ސީޒަނެވެ.