އިސްލާމް ދީނުގެ ޞައްހަކަމާއި، ޙައްޤު ދީން ކަމާއި، ފުރިހަމަކަން، ޒަމާނީ ޢިލްމާއި، ސައިންސާއި، ޓެކްނަލޮޖީ އިން ހާމަވަމުން ދާ ކަން އަންނަނީ ފެންނަމުންނެވެ. އިންސާނުންނަށް ތަޖުރިބާ ކުރެވެމުންއެވެ. އިސްލަމް ދީނާ އިދިކޮޅަށް މަސައްކަތް ކުރާ މީހުން ބުނާ ފަދައިން މުޙައްމަދުގެފާނު، އަމިއްލަފުޅަށް ގެންނެވި ދީނެއްނޫން ކަމެވެ. އެ ދީނުގައި އައިސްފައިވާ ކަންތައްތަކަކީ، ކުރިއަށް ވާން ހުންނަ ކަންކަން ފަދަ ކަންކަން އިންސާނެއްގެ އަމިއްލަ ސިކުނޑިން ގެނެވޭނެ ކަންކަން ނޫންކަން ވެސް ސާބިތު ވަމުން ދެއެވެ. އެއީ މީގެ 1400 އަހަރުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައި ގެންނެވި ނުވަތަ ގެންނަވާފައިވާ ކަންތައްތަކުގެ ތެރެއިން، ސައިންސާއި، ޢިލްމުގެ އަލީގައި ފެންނަމުން ދާ ކަންކަމުގެ ސަބަބުންނެވެ.

ﷲ ބާވައި ލެއްވި ދީންތަކަކީ ޞައްޙަ ދީންތަކެވެ. މިއީ ކޮންމެ މުސްލިމަކު ވެސް ހިތުގެ އަޑިން ޤަނޫލު ކުރަން ޖެހޭ ކަމެކެވެ. އެހެން ނަމަވެސް އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ވަނީ މަންސޫޚު ވެފައެވެ. އެ ދީންތަކުގެ އަހުލުވެރިން ވަނީ ﷲ ބާވައިލެއްވި ދީނަށް ބަދަލުތައް ގެނެސް އެބައި މީހުންގެ ފާދިރީންނާއި، ބޮޑުން ބޭނުންވާ ގޮތްގޮތަށް ބަދަލު ގެނެސްފައެވެ. އެ ދީންތަކަށް ބާވައިލެއްވުނު ފޮތްތައް ބާވައި ލެއްވުނުގޮތާއި، އިސްލާމް ދީނަށް ބާވައި ލެއްވުނު ކީރިތި ޤުރްއާން ބާވައިލެއްވުނު ގޮތުގައި ވެސް ތަފާތު ތަކެއް ވެއެވެ.

އިސްލާމް ދީނުގެ ކުރިން ބާވައިލެއްވުނު ފޮތްތައް ބާވައި ލެއްވިފައި ވަނީ ގަނޑުކޮށްނެވެ. ލިޔެވިގެންނެވެ. އެހެން ނަމަވެސް އިސްލާމް ދީނުގައި ބާވައިލެއްވުނު ކީރިތި ޤުރްއާން ބާވައި ލެއްވުނީ 23 އަހަރުންނެވެ. އެކިއެކި މަރްޙަލާ ތަކުގައެވެ. އެކިއެކި މާޙައުލަށެވެ. އެހެން ކަމުން ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ސޫރަތްތައް ހިތުދަސްކުރުމުގައި ލުއި ފަސޭހަތައް ހުއްޓެވެ. މިގޮތަށް އެތައްސަތޭކާ، އެތައް ހާސް، އެތައް ލައްކަ މީހުންގެ ހިތުގައި ހުންނަ ޤުރްއާނުގެ އާޔަތްތައް ބަދަލުކޮށް ނެރެ އެ މީހުންނަށް ފޯރުކޮށް ދިނުމަށް ކުރެވޭ މަސައްކަތް ނާކާމިޔާބު ވެއެވެ. ނަމަވެސް އެހެނިހެން ދީންތަކުގެ ފޮތްތައް މީހުންގެ ހިތްތަކުގައި ޤުރްއާން ހުންނަ ފަދައި ހަނދާނުން ނު ފުހެވި ހުންނަ ކަމުގައި ނުވެއެވެ. އަދި ޤުރްއާން އެއާ ޚިލާފެވެ. ހަނދާނުގައި ހުރެއެވެ.

ބަޔަކު އާޔަތްތައް ނުވަތަ އާޔަތެއް އަމިއްލަ އަށް ހަދައިގެން ގެންގުޅުނު ނަމަވެސް އެކަން އިސާހިތަކު އެނގެއެވެ. މި އީސްލާމް ދީނުގެ ޞައްޙަކަން ކަށަވަރުވާ ދަލީލެކެވެ. އަދި ޤުރްއާނުގެ ޞައްޙަކަމާއި، ތެދުކަމުގެ ދަލީލެވެ. އެއީ ޤުރްއާނުގައި ވެސް އިންސީންނާއި، ޖިންނީންނަށް ޗެލެއްޖު ކުރައްވައި ﷲ ވަޙީކުރައްވާފައި ވާ ކަމެކެވެ. އެ ޤުރްއާނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރި ނަމަވެސް އެފަދަ ކަމެއް ނުކުރެވޭނެކަން ޗެލެންޖުކުރައްވާފައި ވެއެވެ. އިސްރާ ސޫރަތުގެ 88 ވަނަ އާޔަތުގެ މާނާގައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރްއާން އާ އެއް ފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވި ނަމަވެސް، އެއާ އެއް ފަދަ އެއްޗެއް އެ އުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ."