ޒިމްބާބްވޭ ޑިފެންސް ފޯސް (ޒެޑްޑީއެފް) އިން ހިދުމަތް ކުރަމުން އަންނަ ސިފައިން އެކަކު އަނެކަކާ ކައިވެނި ކުރުން މަނާކުރުމުގެ ސިޔާސަތެއް އެކުލަވާލައިފިއެވެ.

މީގެ އިތުރުން މިހާރުވެސް ސަރވިސްގަ އުޅުއްވާ ސިފައިންނާ ކައިވެނިކޮށްގެން ތިބި ސިފައިންނަށް މަސް ދުވަހުގެ ތެރޭގައި އާ އެންގުމާ އެއްގޮތަށް ޢަމަލުކުރުމަށް ހަރުކަށި އަލްޓިމެޓަމްއެއް ވަނީ ދީފައެވެ.

ޒެޑްޑީއެފްގެ ކޮމާންޑަރު ޖެނެރަލް ފިލިޕް ސިބަންޑާ ވަނީ މިފަދަ ގުޅުންތަކުގެ ސަބަބުން އަސްކަރީ ސުލޫކަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، "ފްރެޓަނައިޒޭޝަން ޕޮލިސީ" ތަންފީޒު ކުރާކަން ކަށަވަރުކޮށްދެއްވާފައެވެ. ޖެނެރަލް ސިބަންޑާ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެ ސިޔާސަތާ ހިލާފުވާ ސިފައިންގެ މައްޗަށް ވަކި އަސްކަރީ އަހުލާގީ ގަވާއިދުތަކެއްގެ ދަށުން ދައުވާ ކުރާނެ ކަމަށެވެ.

މި ސިޔާސަތު ވުޖޫދަށް އައުމުގެ ކުރިން ވެސް އެކަކު އަނެކަކާ ކައިވެނިކޮށްގެން ތިބި ސިފައިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަސްކަރިއްޔާ އިން ވަކިވާނީ ކޮން ބައިވެރިއެއްކަން ކަނޑައަޅަން ޖެހެއެވެ. މި ޝަރުތުތަކަށް އަމަލު ނުކުރުމުން ދެ ބައިވެރިން ވެސް ވަޒީފާއިން ވަކިކުރާނެކަމަށް ގެނެރަލް ސިބާންޑާ ވިދާޅުވެފައެވެ.

މި ސިޔާސަތުގެ މަގުސަދަކީ އަސްކަރީ ޑިސިޕްލިން ދެމެހެއްޓުން ކަމަށް ވާއިރު، އެ ސިޔާސަތުގެ ސަބަބުން ހިޔާލު ތަފާތުވުންތައް އުފެދި، ސިފައިންގެ ތެރޭގައި ފަރުދީ މިނިވަންކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިފަދަ ހުރަސްތަކުގެ ސަބަބުން ސިފައިން އިޚްތިޔާރުކުރާ މީހަކާ ކައިވެނި ކުރުމުގެ ހައްގަށް އުނިކަން އަންނަ ކަމަށެވެ.