މި ދިޔަ އަހަރު ޕާކިސްތާނުގައި ހިނގި ސިޔާސީ ހަމަނުޖެހުމުގައި، ހިނގައި ދިޔަ ޙާދިޘާތަކަށް، އެއް އަހަރު ފުރުން 'އަނދިރި ދުވަސް' ގެ ނަމުގައި ފާހަގަކުރުމަށް ޕާކިސްތާން ތަޙްރީކޭ އިންސާފު (ޕީޓީއައި) އިން ގޮވައިލައިފިއެވެ. އެ ޕާޓީގެ ލީޑަރ އަދި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ބައްދުކޮށްފައި ވަނީ ދިޔަ އަހަރުގެ މެއި ނުވަ ވަނަ ދުވަހުއެވެ. އެއީ މުޅި ޕާކިސްތާނުގައި ޕީޓީއައި އިން އިންތިޒާމުކޮށް އެއް މަހަށް ކުރިއަށް ގެންދިޔަ ސިޔާސީ ޙަރަކާތަކާ ގުޅިގެންނެވެ. ޢިމްރާން ޚާންގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ޕާލަމެންޓުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. ސަރުކާރު ވައްޓާލާފައި ވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް 10 ގައެވެ.

ސިޔާސީ ހަލަބޮލިކަން ބޮޑު ޕާކިސްތާނުގައި ސަރުކާރުތައް އަވަސް އަވަހަށް ބަދަލު ވެއެވެ. ގިނަފަހަރަށް އެ ޤައުމުގައި ސަރުކާރުތައް ބަދަލު ވަނީ ސިފައިން ގެންނަ އިންޤިލާބުތަކުންނެވެ. ނަމަވެސް ޢިމްރާން ޚާނުގެ ސަރުކާރު ރައްޔިތުންގެ މަޖިލީހުން ބަދަލުކުރުމުން ޢިމްރާން ޚާން ތުހުމަތު ކޮށްފައި ވަނީ އިތުބާރު ނެތްކަމުގެ އެ ވޯޓުނަގާފައި ވަނީ އެމެރިކާގެ މާލީ އެހީތެރިކަމާ އެކު ކަމުގައެވެ.

ކުރީގެ ކްރިކެޓް ކުޅުން ތެރިޔާ ޢިމްރާން ޚާން ސިޔާސީ ޕާޓީއެއް އުފައްދައި ސިޔާސީ މައިދާނަށް ނިކުންނެވީ އެ ޤައުމުގައި ކޮރަޕްޝާން ނައްތާލުމަށް ވިދާޅުވެއެވެ. ނަމަވެސް އޭނަގެ ޕާޓީ ވެސް ވެރިކަމުން ދުރުކުރީ ރިޝްވަތުގެ ތުހުމަތުގައެވެ. އަދި 71 އަހަރުގެ ޢިމްރާން ޚާން ޖަލަށް ލާފައި ވަނީ ވެސް ރިޝްވަތުގެ ތުހުމަތު ކުރެވި ކޯޓުން އިއްވި ޙުކުމަކާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ޢިމްރާން ހައްޔަރު ކުރި އިރު ޕީޓީއައި އާއި، އެ ޕާޓީގެ ސަޕޯޓަރުން ވެސް ވެރިރަށް އިސްލާމް އާބާދާއި، ޤައުމުގެ ބޮޑެތި ސިޓީ ތަކުގައި މުޒާހަރާ ކުރަމުން ގެންދިޔައެވެ. އެ މުޒާހަރާތައް ހުއްޓުވާ ލެވުނީ ފުލުހުންނާއި، ސިފައިން މަގުމައއްޗަށް ނިކުމެ ބާރާއި، ހަތިޔާރުގެ ބޭނުން ހިފައިގެންނެވެ. މި ހަމަނުޖެހުމުގައި ބައެއް މީހުން މަރުވެފައިވާ ކަމުގައި ރިޕޯޓުކޮށްފައި ވެއެވެ.