ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެއްޖެ ނަމަ ޑޯޓްމަންޑަށް ލިބޭ ފައިސާގެ އިނާމު މާ ބޮޑުވާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ވަރުގަދަ ޕީއެސްޖީ ކަޓުވާލުމަށްފަހު ފައިނަލުގެ ޖާގަ ކަށަވަރުކުރި ޑޯޓްމަންޑް ފައިނަލުގައި ވާދަކުރަން ޖެހެނީ ސްޕެއިންގެ ގަދަ ބާރެއް ކަމުގައިވާ ރެއާލް މެޑަރިޑާއެވެ. ރެއާލް މެޑަރިޑަކީ, ފާއިތުވެދިޔަ ސީޒަނުގައި ޑޯޓްމަންޑުގެ އެންމެ ވިދުންގަދަ ތަރި ކަމުގައިވާ ޖޫޑް ބެލިންގްހަމް ގަތް ކްލަބެވެ. މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޑޯޓްމަންޑުން ބެލިންގްހަމް ރެއާލަށް ވިއްކާލިއިރު, ވަނީ ބައިވަރު ބޯނަސްތަކަކަށް ރެއާލަށް ޝަރުތުކޮށްފައެވެ.
ޑޯޓްމަންޑުން ރެއާލަށް ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ, ބެލިންގްހަމް އޭނާ ރެއާލާއެކު ހޭދަކުރާ ފުރަތަމަ ސީޒަނުގައި ޗެމްޕިއަންސް ލީގު ހާސިލުކޮށްފިނަމަ 5.38 މިލިއަން ޑޮލަރުގެ ބޯނަސްއެއް ޑޯޓްމަންޑަށް ދޭން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ބެލިންގްހަމް ޗެމްޕިއަންސް ލީގުގެ ޓީމް އޮފް ދަ ސީޒަންއަށް ހޮވިއްޖެ ނަމަ އިތުރު 2.1 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ޑޯޓްމަންޑުން ވަނީ ޝަރުތުކޮށްފައެވެ.
އެހެންކަމުން, މުބާރާތުގެ ދެވަނައަށް ދިއުމުން ޔޫއެފާގެ ފަރާތުން ލިބޭ ފައިސާގެ އިނާމާއި ބެލިންގްހަމް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުން ލިބޭ ބޯނަސްގެ ޖުމްލަ އަދަދު 24.2 މިލިއަން ޑޮލަރަށް އަރައެވެ. ނަމަވެސް ޑޯޓްމަންޑު ރެއާލު ބަލިކޮށް މުބާރާތުގެ ތަށި ހިއްލާލައިފިނަމަ ހަމައެކަނި ލިބޭނީ, ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާ ޓީމަކަށް ޔޫއެފާއިން ދޭ 21.5 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެވެ.