އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓ އަތުން 3-2 އިން މޮޅުވެ, ޔޫއެފާ ކޮންފެރެންސް ލީގުގެ ފުރުސަތު ޗެލްސީއިން ފަހިކޮށްފިއެވެ.
ފޮރެސްޓްގެ ދަނޑު ކަމުގައިވާ ސިޓީ ގްރައުންޑްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނޯ ޗެލްސީއެވެ. މި ލަނޑަކީ މެޗުގެ 8 ވަނަ މިނެޓުގައި ކޯލް ޕާމާ ފަހިކޮށްދިން ފުރުސަތަކުން މިކައިލޯ މުޑްރިކް ކާމިޔާބު ކުރި ލަނޑެކެވެ.
ޗެލްސީއަށް މެޗުގެ ފުރަތަމަ ކޮޅު ނެގުނު ލީޑު ހިފެހެއްޓުނީ އެންމެ އަށް މިނެޓަށެވެ. މެޗުގެ 16 ވަނަ މިނެޓުގައި ފޮރެސްޓްގެ ވިލީ ބޮލީ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބޮލީގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ފޮރެސްޓް ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ, ކުރިން ޗެލްސީއަށް ކުޅެދިން ކުޅުންތެރިޔެއް ކަމުގައިވާ ކެލަމް ހަޑްސަން އޮޑޯއީއެވެ. އޭގެ ހަ މިނެޓު ފަހުން ރަހީމް ސްޓާލިންގް ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ނިކޮލަސް ޖެކްސަން ކާމިޔާބު ކޮށްދިން ލަނޑާއެކު ޗެލްސީ ވަނީ ފޮރެސްޓް އަމިއްލަ ދަނޑުގައި ބަލިކޮށްފައެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލުގެ ހަތްވަނައިގައެވެ. ޗެލްސީ ތާވަލުގެ ހަތްވަނައިގައި އޮތީ ކުޅުނު 36 މެޗުން ލިބުނު 57 ޕޮއިންޓާއެކުގައެވެ. ހަވަނައިގައި އޮތް ނިއުކާސަލްއަށް ވެސް ލިބިފައިވަނީ 57 ޕޮއިންޓެވެ. އަށްވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. ކޮންފެރެންސް ލީގުގެ ފުރުސަތު ލިބެނީ ހަވަނައިގައި އޮންނަ ޓީމަށް ކަމަށް ވާތީ އެ ތިން ޓީމަށް ވެސް ކޮންފެރެންސް ލީގުގެ ފުރުސަތު އަދި އެބައޮތެވެ.