ފަތުރުވެރިންނަށް ޙިދުމަތް ދިނުމުގެ ޙުއްދަ 109 ސަފާރީއަކަށް ދީފައިވާކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވިދާޅުވީ ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ މިހާތަނަށް 109 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވާކަމަށެވެ. ސަފާރީތައް އޮޕަރޭޓްކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެނީ ގައިޑްލައިންތަކަށް ފެތޭ ސަފާރީތަކަށެވެ.

ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑެކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭނެއް ހުށައަޅަންޖެހެއެވެ.

ސަފާރީތަކާއި ރިސޯޓްތައް މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު އަންނަ މަހު އަތޮޅުތަކުގެ ގެސްޓްހައުސްތައްވެސް ފަތުރުވެރިންނަށް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ނިންމަވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޙުއްދަ ނުލިބެނީސް އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ޙިދުމަތްދީގެން ނުވާނެކަމަށް ބޯޓިން އެސޯސިއޭޝަނުން ވަނީ ސަފާރީތަކަށް އަންގާފައެވެ.