އަމާން މާހައުލެއްގައި، އިންޓަނެޓުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި، މުޖުތަމައުއަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫއިން ކުރިއަށް ގެންދާ އިންޓަނެޓް ސޭފްޓީ ކެމްޕެއިންގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް ސައެންސް އެންޑް ޓެކްނޮލޮޖީ އިން ބައިވެރިވެއްޖެއެވެ. އުރީދޫ މޯލްޑިވްސް އިން ވިދާޅުވީ މިއީ މި ކެންޕެއިން އިތުރަށް ފުޅާކުރުމުގެ ގޮތުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

"އިންޓަނެޓް މެދުވެރިކޮށް އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިކޮށްދޭ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދޭ. ހުރިހާ ބާވަތެއްގެ މައުލޫމާތާއި، ކޮންޓެންޓް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކާއި ގުޅުވާލަދޭ ވަސީލަތަކަށް އިންޓަނެޓްވީއިރު، ފަރުވާތެރިކަމާއި ޒިންމާދާރުކަންމަތީ ބޭނުންނުކުރެވިއްޖެނަމަ މެލްވެއަރ، ސްޕޭމް، ފިޝިންގް، ސައިބަރ ބުލިއިންގް، ބްލެކްމެއިލް ފަދަ ނުރައްކާތެރި އަމަލުތަކުގެ ޝިކާރައަކަށްވެގެން ދިއުމަކީވެސް އެކަށީގެންވާކަމެއް. އެހެންކަމުން އުމުރުން ދުވަސްވީ މިހުންނަށާއި، މައިންބަފައިން އަދި ސްކޫލްކުދިންނަށް ރައްކާތެރިކަމާއިއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތާއި ހޭލުންތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. ރައްކާތެރިކަމާއިއެކު އިންޓަނެޓް ބޭނުންކުރުމަށް އުރީދޫ އިން ކުރިއަށްގެންދާ މި ކެމްޕެއިންގެ މަސައްކަތުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ، އަޅުގަނޑުމެންގެ މުޖުތަމައުތަކަށް އިންޓަނެޓްގެ ރައްކާތެރިކަން ހޯދާދިނުމަކީ އަޅުގަނޑުމެންގެ އުއްމީދެއް" މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވީ "އިންޓަނެޓާއި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، އަޅުގަނޑުމެންގެ ދިރިއުޅުމަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ. ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް މުޅިންހެން މިކުރަނީ އިންޓަނެޓް މެދުވެރިކޮށް. ހުރިހާ ބާވަތެއްގެ މައުލޫމާތެއް އަޅުގަނޑުމެންގެ އިނގިލިކުރިތަކާއި ހަމައަށް އިންޓަނެޓް މެދުވެރިކޮށް ގެނެސްދީފައިވާއިރު، ނުރަނގަޅު އެތައް ކަމަކަށްވެސް އިންޓަނެޓް މަގުފަހިކޮށްދޭ. އެގޮތުން އޮންލައިން ގްރޫމިންގ، ސައިބާ ބުލީއިންގގެ އިތުރުން އަބުރާއި މުދަލަށް ގެއްލުންލިބޭފަދަ ކަންކަން ހިންގުމުގައި އިންޓަނެޓް ބޭނުންކުރާ މީހުން އުޅޭ. އެހެން ކަމުން މިފަދަ ކަންކަން ހުއްޓުވުމަށާއި، މުޖުތަމައު މިފަދަ ކަންކަމުން ރައްކާތެރިކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތަކާއި ކުރަންވީ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުގައި އުރީދޫއިން ކުރިއަށްގެންދާ މި އިންޓަނެޓް ސޭފްޓީ ކެމްޕެއިންގައި މިނިސްޓްރީއޮފް ކޮމިއުނިކޭޝަންސް އެންޑް ސައިންސް އެންޑް ޓެކްނޮލޮޖީ އިން ގުޅިވަޑައިގަތުމީ އަޅުގަނޑުމެންގެ މި މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރެއް،" ކަމަށެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ސައިބަރ ސޭފްޓީގެ މުހިއްމުކަން، ހުޝިޔާރުވާން ޖެހޭ ކަންކަމާއި، ސައިބަރ ސޭފްޓީ ޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. ދަރިވަރުން، މައިންބަފައިން އަދި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެބިނާތަކާއި ވީޑިއޯތައް މެދުވެރިކޮށް މައުލޫމާތު އިތުރުކޮށްދީ، ތަމްރީންތައް ކުރިއަށްގެންދާނެއެވެ. މި ޕްރޮގްރާމްގެ އަމާޒަކީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި، ދިވެހި އާއިލާތަކަށް އަމާން، ރައްކާތެރި، އަދި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުން ކަމަށް ވެސް އުރީދޫން ވަނީ ވިދާޅުވެފައެވެ.

އުރީދޫން ވިދާޅުވީ ޓެކްނޮލޮޖީ މެދުވެރިކޮށް އައު ޚިދުމަތްތައް ތަޢާރަފްވަމުން އަންނަ މި ޑިޖިޓަލް ޒަމާނުގައި، އާންމު ދިރިއުޅުމުގައި އިންޓަނެޓްގެ ދައުރު ދުވަހެއް ދުވަހަކަށް ދަނީ ފުޅާވަމުން ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ގްލޯބަލް ޕެންޑެމިކް އާއި ގުޅިގެން ގައިދުރުކަން ދަމަހައްޓަން ޖެހިފައިވުމާއެކު، އާންމު ދިރިއުޅުމުގެ ކަންކަން ބަދަލުވެ އިންޓަނެޓް ބޭނުންކުރާވަރު ވަނީ ކުރިއަށްވުރެ އެތައްގުނައަކަށް އިތުރުވެފައި ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.

ކިޔެވުމާއި، މަސައްކަތް ކުރުމަށާއި، ޚިދުމަތްތައް ހޯދުމަށާއި މުނިފޫހިފިލުވުމަށް އަދި އާއިލާއާއި ރަށްޓެހިންނާއި އޮންނަ ގުޅުން ދެމެހެއްޓުމަށްވެސް އިންޓަނެޓަށް ވަނީ ބަރޯސާވާންޖެހިފައެވެ. އެހެންކަމުން އިންޓަނެޓްގެ ޚިދުމަތް ފަސޭހަކަމާއިއެކު ހޯދުމުގެ މަގުފަހި ކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ ގިނަގުނަ މަސައްކަތާއެކު، އިންޓަނެޓް ރައްކާތެރިކަމާއި ޒިންމާދާރުކަންމާއި އެކު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންޓަނެޓް ސޭފްޓީ ކެމްޕެއިންގެ މަސައްކަތުގައިވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށް ވިދާޅުވެފައިވެއެވެ.