އިންޑިޔާގައި އުމުރުން 12 އަހަރުގެ ކުއްޖަކު ނޫޑްލްސް ކެއުމުގެ ސަބަބުން މަރުވެ، އާއިލާގެ 5 މީހެއްގެ ހާލު ދެރަވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕޫރަންޕޫރު ސަރަހައްދުގައި ތިން ކުދިންނާއެކު އެއް އާއިލާއެއްގެ ހަ މީހަކު ނޫޑްލްސް އާއި ބަތް ކެއުމުގެ ސަބަބުން ބަލިވެ ތިބި ކަމަށް އާންމުން ބުނެއެވެ. އެމީހުން ޕްރައިވެޓް ހޮސްޕިޓަލަކަށް ގޮސް ޖެހިގެން އައި ދުވަހު އެމީހުންގެ ހާލު ރަނގަޅުވުމުން އެނބުރި ގެއަށް ދިޔަ ނަމަވެސް އެރޭ އަނެއްކާވެސް ނުތަނަވަސްކަން އިހުސާސްވާން ފެށި ކަމަށް އެ މީހުން ބުންޏެވެ.

އެތަނުން ކުއްޖެއް ކަމައްވާ ރޯހަންގެ ހާލު އިތުރަށް ގޯސްވެ، އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބުނެއެވެ.

"މިދިޔަ ހޮނިހިރު ދުވަހު ފަސް މީހަކު މިތަނުގައި އެޑްމިޓްކުރީ ކާބޯތަކެތި ވިހަވި ކަމުގެ ޝަކުވާއާ އެކު. އެހެން ކުއްޖަކު ކަމަށްވާ ވިވެކްގެ ހާލު ސީރިއަސްކަމުން އޭނާ މިހާރު ވަނީ ކައިރީގައި އޮންނަ ބަރޭލީ ޑިސްޓްރިކްޓްގެ ހޮސްޕިޓަލަކަށް ފޮނުވާފައި،" ކޮމިއުނިޓީ ހެލްތު ސެންޓަރު (ސީއެޗްސީ) ޕީލީބީތުގެ ޑޮކްޓަރެއް ކަމަށްވާ ޑރ ރާޝިދު ވިދާޅުވިއެވެ.

އަދި ބާކީ ތިބި ހަތަރު މީހުންގެ ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން އާއިލާއިން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.