އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގައުމުގެ "މުޅި މުއްސަނދިކަން" މުއްސަނދި ހަތަރު ފަސް މީހުންނަށް ދީފައިވާ ކަމަށް އިންޑިއާގެ ކޮންގްރެސް ލީޑަރު ޕްރިޔަންކާ ގާންދީ ވަދްރާ ވިދާޅުވެއްޖެއެވެ.

ޕްރިޔަންކާގެ ކޮއްކޮ އަދި ކޮންގްރެސްގެ ރާއީ ބަރޭލީ ލޯކް ސަބާ ދާއިރާގެ ކެންޑިޑޭޓް ރާހުލް ގާންދީއަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޕްރިޔަންކާ ވިދާޅުވީ ނަރެންދުރަ މޯދީ އަކީ ވޭތުވެދިޔަ 10 އަހަރު ވަންދެން ވަރަނާސީ ސިޓީގެ މެމްބަރު ކަމަށާއި ނަމަވެސް އެތަނުގެ އެއްވެސް އަވަށަކަށް ވަޑައިގެންފައި ނުވާ ކަމަށާއި ދަނޑުވެރިޔަކާ އޭނާ ދިރިއުޅުއްވަނީ ކިހިނެއްތޯ ވެސް ސުވާލު ކުރައްވާފައި ނުވާ ކަމަށެވެ.

"ޕްރައިވެޓައިޒޭޝަނަކީ އަމިއްލަ ޒާތުގައި ގޯސް ކަމެއް ނޫން، ނަމަވެސް ގައުމުގެ މުޅި މުއްސަނދިކަން ބޮޑުވަޒީރު މުއްސަނދި ހަތަރު ފަސް މީހުންނަށް ދެއްވައިފި ނަމަ އެއީ ރަނގަޅު ކަމެއް ނޫން،" އެކަމަނާ ވިދާޅުވިއެވެ.

ޕްރިޔަންކާ ތުހުމަތު ކުރެއްވި ގޮތުގައި މިއަދު އިންޑިއާގެ ކޯލާއި ކަރަންޓާއި ބަނދަރުތަކާއި އެއާޕޯޓުތައް އޮތީ ބޮޑުވަޒީރުގެ ރަހުމަތްތެރިންނާއެކުގައެވެ. ކުރީގެ ބޮޑުވަޒީރު އަދި ކޮންގްރެސް ލީޑަރުން ކަމަށްވާ ރަޖީވް ގާންދީ އާއި އިންދިރާ ގާންދީގެ ނަން ފާހަގަކުރައްވަމުން ޕްރިޔަންކާ ވިދާޅުވީ އެ މީހުން ވިލެޖްތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ މައްސަލަތަކާ ބެހޭ ގޮތުން މީހުންނާ ސުވާލު ކުރި ކަމަށެވެ. "އަޅުގަނޑުމެންގެ ބޮޑުވަޒީރު ބޮޑެތި އިވެންޓްތައް އިންތިޒާމް ކުރައްވާއިރު ބޮޑެތި ކެޕިޓަލިސްޓުން ތަކެއް ފެންނާނެ، އެކަމަކު އެންމެ ފަގީރެއް ވެސް ނުފެންނާނެ،" ޕްރިޔަންކާ ވިދާޅުވިއެވެ.