މަތީ ސާނަވީ ދަރިވަރުން ގޮވައިގެން ކުރި ގްރެޖުއޭޝަން ދަތުރެއްގައި ސްކޫލް ބަހެއް އެކްސިޑެންޓުވެ އެގާރަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އިންޑޮނޭޝިއާގެ ފުލުހުން ބުނެފިއެވެ.

ޖާވާ އައިލެންޑް އަވަށެއް ކަމަށްވާ ޑެޕޮކްއިން 60 އަށް ވުރެ ގިނަ ދަރިވަރުންނާއި ޓީޗަރުން ގޮވައިގެން ދަތުރުކުރަމުން ދަނިކޮށް ހޮނިހިރު ދުވަހުގެ ހަވީރު ހާއިރު ބަސް އެކްސިޑެންޓުވީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެއް ކަމަށްވާ ލެމްބާންގްގައި ކަމަށް ފުލުހުން ބުނެއެވެ.

ވެސްޓް ޖާވާ ޕްރޮވިންސްގެ ފުލުހުންގެ ތަރުޖަމާނު ޖޫލްސް އަބްރަހަމް އަބާސްޓް ވިދާޅުވީ ދަރިވަރުން ދަސްވެނިވުމުގެ އުފާ ފާޅުކޮށް ސްކޫލް ދަތުރެއްގައި އުޅެނިކޮށް ކުއްލިއަކަށް ބަސް ކޮންޓްރޯލް ނުވެ ވާތްފަރާތަށް އަރިއަޅާލާ ކާރަކާއި ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

"މަރުވި ފަސިންޖަރުންގެ ތެރެއިން ނުވަ މީހުންނަކީ ދަރިވަރުން، އެކަކީ ޓީޗަރެއް،" އަބާސްޓް ވިދާޅުވި އެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އެކަކު މަރުވެ، 13 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި، 40 މީހަކަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ލޯކަލް ޓްރެފިކް ޕޮލިސްޗީފް ވިދާޅުވީ އެކްސިޑެންޓްވުމުގެ ކުރިން ބަހުގެ ބްރޭކް ގޯސްވެފައިވާ ކަމަށް ޝައްކު ކުރެވޭ ކަމަށާއި ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަދިވެސް ބަލަމުން އަންނަ ކަމަށެވެ.

ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓްތަކަކީ އިންޑޮނޭޝިއާގައި އާންމު ކޮށް ހިނގާ ކަމެކެވެ. މިއީ ދުވަސްވީ ނުވަތަ ރަނގަޅަށް ނުބަލަހައްޓާ އުޅަނދު ބޭނުންކުރުމުގެ ސަބަބުން ކަމަށާއި އަދި މަގުމަތީގެ ޤަވާއިދުތަކަށް ޢާންމުގޮތެއްގައި އިހުމާލުވާތީކަމަށް ކަމާބޭހޭ ފަރާތްތަކުން ބުނެއެވެ.