މާލޭ މަގުމައްޗަށް އިމާރާތްތަކުން ފެން އެޅޭ މައްސަލަ ހައްލުކުރަން ފަށައިފި ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި މޭޔަރު އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމާރާތްތަކުން މަގުމައްޗަށް ފެންތިކި ޖެހުމަކީ ޒަމާނުންސުރެ ހައްލެއް ހޯދިފައި ނުވާ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ޓަކައި މާލެ ސިޓީ ކައުންސިލުން ވަނީ މަސައްކަތް ފަށާފައި ކަމަށެވެ.
މޭޔަރު އާޒިމް ކުރެއްވި ޕޯސްޓުގައި ހާމަކުރި ގޮތުގައި މިހާރު ވަނީ މާލޭ މަގުމައްޗަށް ފެން އެޅޭ ތަފާތު 30 ސަރަހައްދެއް ފާހަގަކޮށް, އެ ތަންތަން މަރާމާތުކުރުމަށް އަންގާފައި ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި މާލެ މަގުމައްޗަށް އިމާރާތްތަކުން ފެން އެޅުން ފަދަ ޒަމާނުންސުރެ ހައްލެއް ލިބިފައިނުވާ ބޮޑެތި މައްސަލަތަކަށް ހައްލެއް ގެނައުމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.