ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު ސަރަހައްދުގައި ހަދާފައިވާ ހަޓްތަކާއި، އެތާނގައި ބަހައްޓާފައިވާ ތަކެތި މިމަހުގެ ނިޔަލަށް ނަގަން އަންގައިފިއެވެ. މި ތަކެއްޗަކީ، ހުޅުމާލޭގެ 3ގެ ބީޗު ސަރަޙައްދުގައި އަމިއްލަ ފަރާތްތަކުން ހަދައި، ބަހައްޓާފައިވާ ތަކެއްޗެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ މި ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ނަގަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.
ދެވިފައިވާ މުއްދަތުގައި މި ތަކެތި ނަގާފައި ނުވާނަމަ، އެ ތަކެތި ނަގައި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެ ކަމަށްވެސް އެޗްޑީސީ. އިން ވިދާޅުވެފައި ވެއެވެ.
މިގޮތުން ސާފުކުރުމުގެ މަސައްކަތްކުރަމުން ދާ އިރު ތަކެއްޗަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމުގައި ވެސް ބަޔާނުގައއި ވެއެވެ.
އެޗްޑީސީ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށް ކަމަށާއި، ނަމަވެސް އެ ސަރަޙައްދަކީ، ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީ އާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
މީގެ އިތުރުން އެ ސަރަހައްދު މިހާރު ބޭނުންކުރެވެމުން ދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ގިނަ ދަތިތަކެއް ދިމާވެފައިވާ ކަމަށާއި، އެހެންކަމުން މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އަދި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވީ އެއްމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމުގައި ވެސް އެޗްޑީސީން ބުނެފައިވެއެވެ.
ހަމައެއާއެކު މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން އެޗްޑީސީއަށް ދެއްވާ އެއްބާރުލުން އެ ކޯޕަރޭޝަނުން ފާހަގަކުރައްވާފައި ވެއެވެ.