ޙަރާމްތަކެތި ހޯދުމާއި، ކެއުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެކެވެ. އިންސާނުން، ވަކިން ޚާއްޞަކޮށް މުސްލިމުން ޙަލާލު ގޮތުގައި މުދާ ހޯދައި ކާން ޖެހޭ ވަރަށް ގިނަ ސަބަބުތައް ވެއެވެ. އެ ސަބަބުތަކަށްޓަކައި އިންސާނުން ޙަލާލު ގޮތުގައި ރިޒްޤު ހޯދުމަށް މަސައްކަތްކުރުމަކީ ކުރަން ޖެހޭ ކަމެކެވެ. އެކަމުގައި ގިނަގުނަ ސަބަބުތައް ކެކުލެވިގެން ވެއެވެ.
ފުރަތަމަ ސަބަބަކީ: މުސްލިމުންނަށް ޙަލާލު ގޮތުގައި ރިޒްޤު ހޯދައި ޙަލާލު ރަނަގަޅު ތަކެތި ކެއުމަށް ﷲ ތަޢާލާ އާއި އެކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައި ވެއެވެ. އަދި ހަމަ އެފަދައިން އިންސާނުން، އެބައި މީހުންގެ އަނބިންނަށާޢި، ފިރިންނަށާއި، ދަރިނަށް ވެސް ޙަލާލު ތަކެތި ކާންދިނުމަށް ﷲ އާއި، އެކަލާންގެ ރަސޫލާ އަންގަވައި އިރުޝާދު ދެއްވާފައި ވާތީއެވެ. އެންމެހައި މަޚުލޫޤާތްތައް ނެތުމުގެ ތެރެއިން ވުޖޫދަށް ޚަލްޤު ކުރައްވައި އެ މަޚުލޫޤާތްތަކަށް ރިޒްޤު ދެއްވައި ހުރިހާކަމެއް ބައްލަވައި ވޮޑިގެންވަނީ ރައްބުލްޢިއްޒަތި ވަލްޖަލާލް އެވެ. އެ ރައްބު، މީސްތަކުންނާއި، މުޚާޠަބްކުރައްވައި ބަޤަރާ ސޫރަތުގެ 168 ވަނަ އާޔަތުގައި ޙަލާލުތަކެތި ކައިބޮއެ އުޅުމަށް އަންގަވާފައި ވެއެވެ. އެ އާޔަތުގެ މާނާގައި ވެއެވެ. "އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތި ތިޔަބައި މީހުން ކައިއުޅޭށެވެ. އަދި ޝައިޠާނަގެ ފިޔަވަޅުތަކަށް ތިޔަބައި މީހުން ތަބަޢަ ނުވާށެވެ! އެހެނީ ހަމަކަށަވަރުން ޝައިޠާނާ އަކީ ތިޔަބައި މީހުންނަށް ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ." އަދި ﷲ ތަޢާލާ ވަނީ މިއަމުރުފުޅު ވަކިން ޚާއްޞަކޮށް މުއުމިނުންނަށް އަމުރު ކުރައްވާފައެވެ. އެކަލާނގެ ވަޙީ ބަސްފުޅުގެ މާނާގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ރަސްކަލާނގެ ތިޔަބައި މީހުންނަށް ދެއްވި ރަނގަޅު ތަކެތީން ތިޔަބައި މީހުން ކައި އުޅޭށެވެ! އަދި ތިޔަބައި މީހުން ހަމައެކަނި الله އަށް އަޅުކަން ކުރާކަމުގައި ވާނަމަ އެކަލާނގެއަށް ޝުކުރުވެރިވާށެވެ!" ބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތް).
ދެވަނަ ސަބަބަކީ: އިންސާނުން ދުނިޔޭގައި އުޅޭއިރު މުޞީބާތްތަކާއި، ބަލިމަޑުކަމާއި، އެނޫން ވެސް ތަފާތު އެތައް ކަމެއް ދިމާވެއެވެ. އެހެން ދިމާވުމުން އެކަންތަކުން ސަލާމަތް ވުމަށާއި، ރަނގަޅު ކަންކަން ލިބިގަތުމަށް ﷲ އާއި ކުއްތަންވެ ދުޢާ ދަންނަވަން ޖެހެއެވެ. އަދި ކޮންމެ މުސްލިމަކީ ވެސް އެމީހެއްގެ އާޚިރަތް ބައްޖަވެރި ކުރުމަށް، ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަންޖެހޭ މީހެކެވެ. އެހެންކަމުން ކީރިތި މާތް ނަބިއްޔާ މުޙައްދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެ ފާނުގެ އުއްމަތަށް އަންގަވައި ދެއްވާފައި ވަނީ ޙަލާލު ނޫން، އެބަހީ ޙަރާމް ގޮތުގައި ރިޒްޤު ހޯދައިގެން ކައި އުޅޭ މީހުންގެ ދުޢާ ﷲ ތަޢާލާ އިޖާބަ ނުކުރައްވާނެ ކަމުގައެވެ. އަލްއިމާމު މުސްލިމު އެކަލޭގެފާނުންގެ ޞަޙީޙުގައި ރިވާކުރައްވާފައި ވެއެވެ.
މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫ ހުރައިރާ ވިދާޅުވެފައިވެއެވެ. ރަސޫލ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ހަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ އީ އެކަލާނގެ އަށް ހުރިހާ ހެޔޮ ރަނގަޅު ކަމެއް ނިސްބަތްވެ ވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ ހެޔޮ އެއްޗެއް މެނުވީ ޤަބޫލުފުޅު ނުކުރައްވައެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ އެކަލާނގެ ރަސޫލު ބޭކަލުންނަށް ޙަލާލު ރަނގަޅު ތަކެތިން ފަރީކުޅުއްވައި އުޅުއްވުމަށް އެންގެވި ފަދައިން މުއުމިނުންނަށް ވެސް ޙަލާލު ރަނގަޅު ތަކެތިން ކައި އުޅުމަށް އަންގަވާފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނާގައި ވެއެވެ. "އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތީން ތިޔަ ބޭކަލުން ފަރީކުޅުއްވައި އުޅުއްވާށެވެ!" އަދި ވެސް އެހެން އާޔަތެއްގެ މާނާގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ރަސްކަލާނގެ ތިޔަބައި މީހުންނަށް ދެއްވި ރަނގަޅު ތަކެތީން ތިޔަބައި މީހުން ކައި އުޅޭށެވެ! އެއަށް ފަހު ޙަދީޘްކުރެއްވިއެވެ. ދަތުރުވެރިޔާ ދަތުރުމަތީގައި ގިނައިރުވެ ވަރުބަލިވެ ބޯހޭވިފައި ހުންނަ ޙާލުގައި އޭނާގެ ދެއަތް މައްޗަށް އުފުލައި ދުޢާދަންނަވާނެތެވެ. އޭ ހައްދަވައި ބޮޑުކުރައްވާ އިލާހެވެ! އޭ ހައްދަވާ ބޮޑުކުރައްވާ އިލާހެވެ! ދުޢާ ދަންނަވާ އެ މީހާ ކައި އުޅޭ ކާތަކެއްޗަކީ ޙަރާމްތަކެއްޗެވެ. އަދި އޭނާ ބޮއި އުޅޭ ބުއިމަކީ ވެސް ހަރާމް ތަކެއްޗެވެ. އަދި އޭނާ ލައިއުޅޭ ތަކެއްޗަކީ ވެސް ޙަރާމް ތަކެއްޗެވެ. އޭނަ އަށް ކުޑައިރު ކާންދެވިފައި ވަނީ ޙަރާމް ތަކެއްޗެވެ. އެހެންކަމުން އޭނާގެ ދުޢާ އިޖާބަ ކުރެއްވޭނީ ކޮންގޮތަކުން ހެއްޔެވެ!
ތިންވަނަ ސަބަބު: ޢިލްމުވެރިން ވިދާޅުވާގޮތުގައި މުސްލިމު އަޅާ އެއްމެބޮޑު އަހުމިއްޔަތެއް ދޭންޖެހޭ އެއް ކަމަކީ، އެނާގެ ހިތަކީ އެއްމެހައި ނުރައްކާތެރި ބަލިތަކުން ސަލާމަތް ވެފައިވާ، ތެދުވެރި ހިތެއްކަމަށް ހެދުމެވެ. އެހެނީ އެމީހެއްގެ ހިތަށް ކުރާ ނުބައި އަސަރަކީ ވެސް އަދި ރަނގަޅު އަސަރަކީ ވެސް އޭގެ ސަބަބުން އެމީހެއްގެ އެއްމެހައި ގުނަވަންތަކަށް އޭގެ އަސަރު ކުރުވާނެ ކަމެކެވެ. އެމީހެއްގެ ހިތަކީ ޙަރާމް ތަކެތި ކައިގެން އުފެދިފައިވާ ލޭ ދައުރުކުރާ ހިތެއް ކަމުގައި ވާނަމަ އެ މީހަކު ތަޤުވާވެރި، ވަރަޢުވެރި ރަނގަޅު މީހަކަށް ނުވާނެއެވެ.
އެއްދުވަހަކު އަލްއިމާމު އަޙުމަދު ބުނު ޙަންބަލް ރަޙިމަހު الله އަށް ދެންނެވުނެވެ. އޭ އަބޫ ޢަބުދު الله އެވެ. ހިތްތަކަށް ޖެހޭ ނުބައި ބަލިތަކުގެ ޝިފާއަކީ ކޮބައިތޯއެވެ؟ އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ޙަލާލު ގޮތުގައި މުދާހޯދުމެވެ. މުސްލިމު ޢިލްމުވެރިއަކަށް ދެންނެވުނެވެ. އަޅުގަނޑުމެންނަށް ތަޤުވާވެރިވުމަށާއި، ޒުހުދުވެރި ވުމަށާއި، ވަރަޢަ ވެރިވުމަށް ބޭނުންވާ ކަންތައް ލިޔެ ދެއްވަފާނަން ތޯއެވެ؟ އޭގެ ޖަވާބުގައި އެމީހުންނަށް ލިޔެދެއްވީ ވިޔަފާރީގެ މުޢާމަލާތު ކުރާނެގޮތުގެ ބާބު އެވެ. އެކަލޭގެފާނަށް އެމީހުން ދެއްނެވިއެވެ. މާތް الله ކަލޭގެފާނަށް ރަޙުމަތް ލައްވާށިއެވެ! އަޅުގަނޑުމެން ކަލޭގެފާނުގެ އަރިހުން އެދުނީ ތަޤުވާވެރި ވުމަށާއި، ޒުހުދުވެރި ވުމަށާއި، ވަރަޢު ވެރިވުމަށް ބޭނޫންވާ ކަންތައްތަކާއި، ބެހޭގޮތުންނެވެ. ނަމަވެސް ކަލޭގެފާނު އަޅުގަނޑުމެންނަށް ތިޔަ ދެއްވެވީ ރިޒުޤު ހޯދުމާއި، ވިޔަފާރީގެ މުޢާމަލާތު ކުރާނެ ކަންތަކާއި ބހޭގޮތުންނެވެ. ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. އެ މީހަކު ހޯދާ ރިޒުގަކީ ޙަލާލު އެއްޗެއްކަމުގައި ވެފައި އެމީހަކު ކައި އުޅޭ ތަކެއްޗަކީ ރަނގަޅު ޙަލާލު ތަކެތި ކަމުގައި ވެއްޖެ މީހާ އަކީ ހަޤީޤީ ތަޤުވާވެރި ވަރަޢުވެރި އެކެވެ.
މާތް ނަބިއްޔާ ގެ އަޞްޙާބުންނާއި، ތާބިޢީ ބޭކަލުން ދިރި އުޅުއްވީ ޙަލާލު ނޫން އެއްޗެއް ފަރީއްކުޅުއްވި ދާނެ ތީ ވަރަށްބޮޑަށް ރައްކާތެރިވެ ވަޑައިގެންނެއެވެ. އެބޭކަލުން އަބަދުމެ ތިއްބަވަނީ އެ ފަދަ ކަމެއް އެނގިވަޑައި ނުގަތުމުގެ ތެރޭގައި ވެސް ކުރެއްވިދާނެތީ ބިރުފުޅުންނެވެ. އެހެނީ މާތް ނަބިއްޔާ ވަނީ ކޮންމެ ވެސް ދުވަހަކުން ދުނިޔޭގައި އުޅޭނެ ބަޔަކު އެ ފަދަ ކަންކަމަށް ފަރުވާލެއް ނުބަހައްޓާނެ ކަމުގެ ޚަބަރު ދެއްވާފައެވެ. އަލްއިމާމުލް ބުޚާރީ ރަޙިމަހުﷲ ތަޢާލާ ރިވާކުރެއްވި ޙަދީޘެއްގެ މާނަގައި ވެއެވެ. "މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޙަދީޘްކުރެއްވި އެވެ. މީސްތަކުންގެ މައްޗަށް ޒަމާނެއް އަންނާނެއެވެ. އެދުވަސްވަރު ދުނިޔޭގައި އުޅޭ މީހުން ކެއުމަށާއި، ބުއިމަށް ހޯދާ ތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދި ތަކެތިތޯ؟ ނުވަތަ ޙަރާމް ގޮތުގައި ހޯދި ތަކެތިތޯ؟ ބެލުމެއް ނެތި އެ ކައިބޮއި ހަދާނެއެވެ.
އަޞްހާބުބޭކަލުން މިފަދަ ކަންތައްތަކަށް ރައްކާތެރިވެ ވަޑައިގަތް މިންވަރު އަންނަނިވި ޙާދިޘުން އެނގިގެން ދެއެވެ. އަލްއިމާމުލް ބުޚާރީ ރިވާކުރައްވާފައިވެއެވެ. ހަމަކަށަވަރުން އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުގެ އަރިހުގައި ގެންގުޅުއްވި އަޅަކު އެއްދުވަހަކު އެކަލޭގެފާނަށް ކާއެއްޗެއް ފަރީއްކޮޅުއެރުވުނެވެ. އެހިނދު އެކަލޭގެފާނު އެ އެއްޗެއް ފަރީއްކުޅުއްވިއެވެ. އެކަލޭގެފާނު ފަރީއްކުޅުއްވައި ނިމިވަޑައިގަތުމުން އެ އަޅުމީހާ ދަންނަވައިފިއެވެ. އޭ އަބޫބަކުރުގެފާނެއެވެ. ދެންމެ ތި ފަރީއްކުޅުއްވި އެއްޗާއި ބެހޭ ގޮތުން (އެބަހީ އެއީ ކޮންގޮތަކަށް ކިހިނެއް ހޯދި އެއްޗެއްތޯ) ކަލޭގެފާނު ސުވާލު ނުކުރައްވަމެއް ނޫންތޯއެވެ؟ ދެން އަބޫބަކުރުގެފާނު އެ އަޅުމީހާ އާއި އެ ކާތަކެތި ލިބުނުގޮތާ މެދު ސުވާލުކުރެއްވިއެވެ. އޭނާ ދެންނެވިއެވެ. ތިމަންނާ އަކީ ޖާހިލިއްޔަ ޒަމާނުގައި ކަހީނުކަން ކޮށް އުޅުނު މީހަކީމެވެ. އެ ދުވަސްވަރު އެ ކަހަލަ ކަމެއް ކޮށްދިން މީހަކާއި ދިމާވުމުން އެމީހާ ތިމަންނާއަށް ދިން ކާ އެއްޗެކެވެ. ދެން އަބޫބަކުރުގެފާނު އެކަލޭގެފާނުންގެ ކަރުތެރެއަށް އިނގިލިފުޅު ބޭނުއްވުމަށް ފަހު އެ ކެއި އެއްޗެތި ހޮޑަށް ބޭރުކޮށް ލެއްވިއެވެ. އަދި ވިދާޅުވިއެވެ. މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިމަންކަލޭގެފާނު ފަރީކުޅުއްވި ތަކެތި ނެރުމަށްޓަކައި ތިމަންކަލޭގެފާނުގެ ފުރާނަފުޅު ގޮސްގެން ނެރެން ޖެހުނު ކަމުގައި ވީނަމަ ވެސް ތިމަންކަލޭގެފާނު އެކަން ކުރެއްވީމުހެވެ. އެހެނީ ތިމަންކަލޭގެފާނުގެ މިތުރު ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޙަދީޘްކުރެއްވި އަޑު އެއްސެވީމެއެވެ. "ޙަރާމްތަކެތި ކައިގެން ބޮޑުވެފައިވާ ކޮންމެ ހަށިގަނޑަކަށް އެއްމެ އައުލާކަން ބޮޑީ ނަރަކައެވެ." މާތްﷲ އަށް ބިރުވެތިވެ އެކަލާނގެ އެންގެވި ފަދައިން ޙަލާލު ތަކެތި ކައިބޮއި ހަދާ ނަމަ އެމީހަކަށް ރިޒްޤު ތަނަވަސް ކޮށްދެއްވާނެ ކަމަށް މާތް ﷲ ވަނީ ވަޢުދުވެ ވޮޑިގެންފައެވެ. އެކަލާނގެ ވަޙީ ބަސްފުޅުގެ މާނާގައި ވެއެވެ. "ފަހެ ﷲ އަށް ތަޤްވާ ވެރިވާ މީހާ ދަންނާށެވެ! އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ."