ޔުކުރެއިނާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ފެށި ފަހުން ރަސްމީ ދަތުރުފުޅެއްގައި ރަޝިޔާގެ ރައީސް ޕުޓިން ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ. މި މަހު 16 އިން 17 އަށް ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޒީ ޖިންޕިން ގެ ދަޢުވަތުފުޅަކަށް ކުރައްއވާ ދަތުރުފުޅެއް ކަމުގައި އަލްޖަޒީރާ އިން ހާމަކޮށްފައި ވެއެވެ. 2022 އިން ފެށިގެން ދެ ޤައުމުގެ ދެމެދުގައި ވަނީ ވަރަށް ގާތް ގުޅުންތަކެއް އުފެދިފައެވެ. މިއީ ވޭތުވެ ދިޔަ ހަ މަސްދުވަހުގެ ތެރޭގައި ޕުޓިން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅު ކުރައްވާފައި ވަނީ ކުރިން އިޢުލާން ކުރުމެއް ނެތިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނާ ޙަވާދީ އަލްޖަޒީރާ ވެބްސައިޓުގައި ވާ ގޮތުން މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ގިނަ ކަންތައްތަކަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އޭގެތެރޭގައި ބައިނަލްއަޤުވާމީ މައްސަލަތަކާއި، ސަރަޙައްދީ މައްސަލަތަކާއި، ދެ ޤައުމުގެ ދެމެދުގެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމުގައެވެ.

ޕުޓިންގެ މި ދަތުރުފުޅަކީ، އެމެރިކާ އާއި، ހުޅަނގުން ރަޝީޔާ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅިފަހުން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ރަޝިޔާ އަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެމެރިކާ އާއި، ހުޅަނގުގެ ޤައުމުތަކުން އަޅާފައި ވަނީ ޔުކުރެއިންގެ މައްސަލާގައެވެ. ޗައިނާ އާއި، ރަޝިޔާ އަކީ އިޤްތީޞާދީ ގޮތުންނާއި، ހަތިޔާރާއި، ވިޔަފާރީގެ ގޮތުން ގާތް ގުޅުން ބާއްވަމުން ގެންދާ ދެ ޤައުމެވެ. އެއީ މި ދެ ޤައުމަކީ ވެސް އެމެރިކާ އާއި، ހުޅަނގުގެ ޖެއްސުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް ކުރިމަތި ވެފައިވާ ދެ ޤައުމެވެ.

މި ފިޔަވަޅު ތަކުން އަރައިގަތުމަށް ދެ ޤައުމުން ވަނީ "ބްރިކްސް" ގެ ނަމުގައި އިޤްތިޞާދީ ޖަމާޢަތެއް ވެސް އުފައްދާފައެވެ. 2006 ގައި އުފެދުނު މިޖަމާޢަތް އުފެއްދީ 4 ޤައުމެއް ވެގެންނެވެ. އެއީ ރަޝިޔާ އާއި، ޗައިނާ އާއި، އިންޑިޔާ އާއި، ބްރެޒިލެވެ. އޭގެ ފަހުން 2010 ގައި ސައުތް އެފްރިކާ ވަނީ މި ޖަމާޢަތާ ގުޅިފައެވެ. އޭގެ އިތުރުން މި ދިޔަ އަހަރުގެ ތެރޭގައި މި ޖަމާޢަތުގައި އިތުރު ޤައުމުތައް ބައިވެރިކުރުމަށް ނިންމައި ދަޢުވަތު ދީފައި ވެއެވެ.