އިންޑިއާގެ ކެރެލާ ގެ އައްސޭރިފަށުގައި އޮތް ބޮޑު މުދާ އުފުލާ އުޅަނދަކާ ކުޑަ މަސް ދޯންޏެއް ޖެހުމުގެ ސަބަބުން ދެ މަސްވެރިން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޕޮންނާނީގެ ކޯސްޓަލް ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ތުރިޝޫރު ޑިސްޓްރިކްޓްގެ ޗަވަކަޑް ގޮނޑުދޮށުން 14 ނޯޓިކަލް މޭލު (25 ކިލޯމީޓަރު) ދުރުގައި އިއްޔެ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ. އެ ދޯނީގައި ހަ މަސްވެރިން ތިއްބެވެ.

މަރުވެފައިވަނީ އަޒީކަލްއަށް ނިސްބަތްވާ އަބްދުއްސަލާމް، 43، އާއި ގަފޫރު 45، އެވެ. އަނެއް ހަތަރު މީހުން ސަލާމަތްކުރީ އާންމު މުދާ އުފުލާ ދޯންޏެއް ކަމަށްވާ ސަގަރް ޔޫވަރާޖް ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިންނެވެ.

ފުލުހުން ބުނީ އިސްލާހީ ނަމަކަށް ކިޔާ މި މަސްބޯޓު މަލަޕޫރަމް ޑިސްޓްރިކްޓްގެ ޕޮންނާނީ ބަނދަރުން ފުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

"މި ހާދިސާ ތަހުގީގުކޮށް މުދާ އުފުލާ އުޅަނދާ މެދު ފިޔަވަޅު އެޅުމަށް ޓަކައި ޑައިރެކްޓްރޭޓް އޮފް ޝިޕިން ސާވިސަސް އާއި ނޯޑަލް އެޖެންސީ ހިމެނޭ ގޮތަށް ސަރުކާރުގެ އެހެން އިދާރާތަކަށް ވެސް އެކަން އަންގާފައިވާނެ،" އޮފިޝަލަކު ވިދާޅުވިއެވެ.