ސްޕެނިޝް ލަލީގާގައި އަލާވޭސް ކޮޅަށް ފަސް ލަނޑު ވައްދާލައި ރެއާލް މެޑްރިޑުން އެ ޓީމުގެ ފެންވަރު ދައްކާލައިފިއެވެ.
ރެއާލުގެ ދަނޑު ކަމުގައިވާ ސަންޓިއާގޯ ބާނަބާއޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ރެއާލުން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން މެޗު ފެށިގެން 10 ވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ޓޮޕް ސްކޯރާ ޖޫޑް ބެލިންގްހަމެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ވަނީ ލަނޑު ޖަހާ ރެއާލުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ފެޑެރީކޯ ވަލްވާޑޭ ވަނީ ރެއާލުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. ވަލްވާޑޭގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 3-0 އިން ރެއާލު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ރެއާލުގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ވިނީޝިއަސް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ރެއާލުގެ ލީޑު ހަތަރު ގޯލަށް އިތުރުކޮށްފައެވެ. ރެއާލުގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުބްތެރިޔެއް ގޮތުގައި އެރި އާރްޑާ ގޫލާއެވެ.
ލަލީގާގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ރެއާލު ދެން މުހިއްމު ގޮތެއްގައި ކުޅޭނެ ހަމައެކަނި މެޗަކީ 2 ޖޫން ވާ ދުވަހު ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލެވެ. ފައިނަލުގެ ކުރިން ރެއާލު ލީގުގައި ކުޅޭ ހަތަރު މެޗުގެ ތެރެއިން ދެ މެޗު އެ ޓީމުން ވަނީ ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފައެވެ. ގްރަނާޑާއާ ދެކޮޅަށް ކުޅުނު މެޗު 4-0 އިން ކާމިޔާބު ކުރި އިރު މިއަދު ކުޅުނު މެޗު ރެއާލު މި ވަނީ 5-0 އިން ކާމިޔާބު ކޮށްފައެވެ. ޗެމްޕިއަންސް ލީގުގައި ފައިނަލަށް ނިކުންނައިރު ރެއާލު އަންނަނީ ނުރައްކާތެރި ފޯމަކަށް އަޅަމުންނެވެ.