އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މިލްކިއްޔާތުގައި އެއްވެސް ބިމެއް، ގެއެއް އަދި ކާރެއް ނެތް ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ދައްކައިފިއެވެ.
މޯދީގެ މިލްކިއްޔާތުގެ ތަފްސީލްތައް ހާމަވީ ލޮކްސަބާގެ ގޮނޑި ދިފާއު ކުރެއްވުމަށް ވަރަނާސީ ދާއިރާއަށް ކުރިމަތިލައްވައި އިއްޔެ އިލެކްޝަނަށް ފޯމް ހުށަހެޅުއްވުމުންނެވެ.
މޯދީގެ މާލީ ބަޔާނުގައި ބުނީ އެނާ އަތުގައި ވަނީ 3.02 ކްރޯޑް ރުޕީސްގެ ޖުމްލަ އެސެޓް ކަމަށާއި އޭގެ ބޮޑު ބަޔަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުރި 2.86 ކްރޯޑް ރުޕީސްގެ ފިކްސްޑް ޑިޕޮސިޓެއްކަމަށެވެ.
އޭނާގެ އަތުގައި ހުރި ޖުމްލަ ފައިސާއަކީ 52،920 ރުޕީސް ކަމަށާއި ގާންދީނަގަރް އަދި ވާރަނާސީގެ ދެ ބޭންކް އެކައުންޓެއްގައި 80،304 ރުޕީސްވެސް އެބަހުއްޓެވެ.
ނޭޝަނަލް ސޭވިންގްސް ސެޓްފިކެޓްގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ބޮޑުވަޒީރުގެ އަތުގައި 9.12 ލައްކަ ރުޕީސް ހުރިއިރު، 2.68 ލައްކަ ރުޕީސްގެ ހަތަރު ރަން އަނގޮޓިވެސް ބޮޑުވަޒީރު މޯދީގެ މިލްކިއްޔާތުގައި އޮތް ކަމަށް ދައްކައެވެ.
މޯދީ އާމްދަނީ 2022-23 ވަނަ އަހަރު ވަނީ 23.56 ލައްކަ ރުޕީސްއަށް އަރާފައެވެ. 19-2018 ގައި އާމްދަނީއަކީ 11.14 ލައްކައެވެ.
އެޑިއުކޭޝަން ސެކްޝަންގައި ބޮޑުވަޒީރު މޯދީ ވަނީ 1978 ވަނަ އަހަރު ދިއްލީ ޔުނިވާސިޓީން ބެޗެލަރ އޮފް އާޓްސް އަދި 1983 ވަނަ އަހަރު ގުޖުރާތު ޔުނިވަރސިޓީން މާސްޓަރ އޮފް އާޓްސް ހާސިލްކުރައްވާފައިވާކަން ހާމަކުރައްވާފައެވެ.