އިސްރާއީލުގެ ޓޭންކަކުން އދ. ގެ ވެހިކަލަކަށް ހަމަލާދީ އިންޑިއާގެ ސެކިއުރިޓީ އޮފިސަރަކު މަރާލާ، އުރުދުންގެ ސެކިއުރިޓީ އޮފިސަރަކު ޒަޚަމްކޮށްލާފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހްގައި ހުންނަ ޔޫރަޕްއިން ހޮސްޕިޓަލަށް ދަތުރުކުރަމުން ދިޔަ އދ. ގެ ހުދު ކުލައިގެ ވެހިކަލެއްގެ ފަހަތުގައި އިސްރާއީލުގެ ޓޭންކެއްގެ ޝޮޓްތަކެއް ޖެހިކަމާމެދު އދ.އަށް ޝައްކެއް ނެތް ކަމަށާއި ނަމަވެސް ހާލަތު އޮޅުންފިލުވަން ބޭނުންވާ ކަމަށް އދ. ގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ފަރްހާން ހާގް ވިދާޅުވިއެވެ.

ހައްޤު ވިދާޅުވީ މަރުވި އދ. ގެ މުވައްޒަފަކީ ވައިބަވް އަނިލް ކަލޭ ކަމަށެވެ. އޭނާއަކީ ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި މަރުވި އދ. ގެ ފުރަތަމަ ބައިނަލްއަޤްވާމީ މުވައްޒަފެވެ. އިންޑިއާގެ މީޑިއާތަކުން ބުނި ގޮތުގައި އޭނާގެ އުމުރަކީ 46 އަހަރާއި އަސްކަރިއްޔާގެ ރިޓަޔާޑް ކާނަލް އެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެ ދެ މުވައްޒަފުން ވަޒީފާ އަދާކުރި އދ. ގެ ޑިޕާޓްމަންޓް އޮފް ސޭފްޓީ އެންޑް ސެކިއުރިޓީން ފެކްޓް ފައިންޑިން ޕެނަލެއް އެކުލަވާލާފައިވާ ކަމަށާއި އދ. އިން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ މަހު ޣައްޒާގައި ޗެރިޓީ އެހީއަށް މަސައްކަތްކުރާ ހަތް މީހަކު އެމީހުންގެ ސާފުކޮށް ފާހަގަކޮށްފައިވާ ވެހިކަލްތަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކުގައި މަރާލުމުން ބައިނަލްއަގުވާމީ ނުރުހުން އިޒްރޭލަށް އަމާޒުވިއެވެ.

އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނީ ޒަހަމްވި އދ. ގެ މުވައްޒަފަކީ ޔާރާ ދަބާބްނެހް ކަމަށާއި އުރުދުންގެ އަސްކަރީ މަތިންދާބޯޓަކުން އޭނާ ގުދުސްއިން އައްމާނަށް ގެންގޮސް އަސްކަރީ މެޑިކަލް ކޮމްޕްލެކްސްއެއް ކަމަށްވާ އަލް ހުސައިން މެޑިކަލް ސިޓީގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.