އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން 2-1 އިން މޮޅުވެ, ދެން އަންނަ ސީޒަނުގައި ޔޫއެފާ ކޮންފެރެންސް ލީގުގައި ކުޅުމުގެ ފުރުސަތު ޗެލްސީއިން ފަހިކޮށްފިއެވެ.
ބްރައިޓަންގެ ދަނޑު ކަމުގައިވާ ފާމާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ޗެލްސީއެވެ. މި ލަނޑަކީ މެޗުގެ 34 ވަނަ މިނެޓުގައި ކޯލް ޕާމާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ލަނޑަކީ އޭނާ މި ސީޒަނުގައި ކާމިޔާބު ކުރި 27 ވަނަ ލަނޑެވެ.
ޗެލްސީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓޮފާ އެންކުންކޫއެވެ.
ޗެލްސީއަށް މެޗުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ޓީމުގެ ކެޕްޓަން ރީސް ޖޭމަސްއަށް ރަތް ކާޑު ދެއްކުމެވެ. މެޗުގެ 86 ވަނަ މިނެޓުގައި ޖޭމްސްއަށް ރަތް ކާޑު ދެއްކީ އޭނާ ގަސްތުގައި ކުޅުންތެރިޔެއް ގައިގަ ޖެހުމުންނެވެ.
ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޗެލްސީ ކައިރިން ބްރައިޓަންއަށް ސުމެއް ކަނޑާލެވުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑަކީ ޖައޯ ޕެޑްރީ ނަގައިދިނަ ހުރަހަކުން ޑެނީ ވެލްބެކް ކާމިޔާބު ކުރި ލަނޑެކެވެ. ނަމަވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު ބްރައިޓަންއަށް ވަނީ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން ބަލި ގަބޫލުކުރަން ޖެހިފައެވެ.
ރޭގައި ކުޅުނު އެހެން މެޗަކަށް ބަލާލާއިރު މެންޗެސްޓާ ޔުނައިޓެޑު ވަނީ ނިއުކާސަލް 3-2 އިން ބަލިކޮށް, ޔޫރަޕުގެ އުއްމީދު ދަމަހައްޓާފައެވެ. ރޭގެ މެޗުގައި ޔުނައިޓެޑަށް ގޯލުތައް ޖަހައިދިނީ ކޮބީ މައިނޫ, އަމަދް ޑިއަލޯ އަދި ރަސްމުސް ހޮއިލަންޑެވެ. ނިއުކާސަލްގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެންތޮނީ ގޯޑޮން އަދި ލުވިސް ހޯލްއެވެ.
ރޭގައި ލިބުނު މޮޅާއެކު ޗެލްސީ ވަނީ ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ. ޗެލްސީ ހަވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 60 ޕޮއިންޓާ އެކުގައެވެ. ހަތްވަނައިގައި އޮތް ނިއުކާސަލްއަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. އަށްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ލިބިފައިވަނީ 57 ޕޮއިންޓެވެ. މި ތިން ޓީމަށް ވެސް ޔޫރަޕުގައި ކުޅުމުގެ ފުރުސަތު އަދި އެބައޮތެވެ.