ކޮވިޑް-19 ބަލީގައި މަރުވާ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް އަންދަން ސްރީލަންކާއިން އެކަށައަޅާފައިވާ ޕޮލިސީގެ މައްސަލަ، ޔޫކޭގެ މުސްލިމުން އދއަށް ހުށަހަޅައިފިއެވެ.
މިމައްސަލަ އދއަށް ހުށަހެޅީ، ކޮވިޑްބަލީގައި މަރުވުމުން ސްރީލަންކާއިން ހަށިތައް އަންދާލާފައިވާ ސްރީލަންކާ މުސްލިމުންގެ އިނގިރޭސި އާއިލާތަކުންނެވެ.
ޔޫކޭގެ މުސްލިމުން އދއަށް ހުށަހެޅި މައްސަލާގައި، މުސްލިމުންގެ ހަށިތައް އަންދަން ސްރީލަންކާއިން ނިންމާފައިވާ ނިންމުން ސިފަކޮށްފައިވަނީ "ބޭއިންސާފު އަދި ނަސްލީ ތަފާތުކުރުމުގެ" ފިޔަވަޅެއްގެ ގޮތުގައެވެ.
އަދި މިމައްސަލާގައި އދއިން ސްރީލަންކާ ސަސްޕެންޑް ކުރުމަށްވެސް ހުށަހަޅާފައި ވެއެވެ.
ބުދިސްޓުންގެ އަޣުލަބިއްޔަތު އޮންނަ ސްރީލަންކާއިން، ކޮވިޑްބަލީގައި މަރުވާ މީހުންނާއި އަދި ކޮވިޑް ކަމަށް ޝައްކުކުރެވޭ ބައްޔެއްގައިވިޔަސް މަރުވާ މީހުން އަންދަން ލާޒިމްކޮށްފައިވަނީ މިދިޔަ 2020 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.
ސްރީލަންކާ ސަރުކާރުގެ މިނިންމުން، އެ ގައުމުގެ މުސްލިމުންގެ އިތުރުން، އިސްލާމީ އެހެން ގައުމުތަކުންވެސް ކުށްވެރި ކޮށްފައި ވެއެވެ.
ސަބަބަކީ، މަރުވާ މުސްލިމުންގެ ހަށިތައް ވަޅުލަން އިސްލާމްދީނުގައި ކަނޑައަޅާފައި ވާތީއެވެ.
ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލެވިދާނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް ކަނޑައަޅައި ގައިޑްލައިން ނެރެފައި ވަނިކޮށް ސްރީލަންކާއިން، މުސްލިމުންގެ އިހްސާސްތަކަށް އަދި ޑަބްލިޔުއެޗްއޯގެ ގައިޑްލައިނަށް ބެލުމެއްނެތި މުސްލިމުންގެ ހަށިތައް އަންދަން ފަށާފައި ވެއެވެ.
ނަމަވެސް، ފަހުން ޕްރެޝަރ ބޮޑުވެގެން އެކަން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ.
ސްރީލަންކާގައި ކްރިސްޓިއަން ބޮޑު އާބާދީއެއްވެސް އޮންނައިރު، ކޮވިޑް ބަލީގައި މަރުވާ ކްރިސްޓިއަނުން އެމީހުންގެ މީހުން ވަޅުލާއިރު، މުސްލިމުންނާމެދު ތަފާތުކުރުންތައް ގެންގުޅޭތީ މިމައްސަލަ މިހާރުވަނީ އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައެވެ.
މުސްލިމް އާއިލާތަކުގެ ފަރާތުން މިމައްސަލަ އދއަށް ހުށަހެޅީ މުސްލިމް ކައުންސިލް އޮފް ބްރިޓްންއާއި، ޔޫކޭގެ ލޯ ފާރމެއް ގުޅިގެންނެވެ.
މުސްލިމް ކައުންސިލް އޮފް ބްރިޓްންގެ ސެކްރެޓަރީ ޖެނެރަލް ޒާރާ މުހަންމަދު ވިދާޅުވީ، ކޮވިޑް ބަލީގައި މަރުވާ މުސްލިމުންނާމެދު ސްރީލަންކާއިން އަމަލު ކުރަމުންދަނީ ދުނިޔޭގެ އެއްވެސް ގައުމަކުން ކަން ނުކުރާފަދަ ބޭސިންސާފު ބީދައަކުން ކަމަށެވެ.
ހަމަ އެއާއެކު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ގައިޑްލައިނާ އެއްގޮތަށް ސްރީލަންކާ ސަރުކާރުން އެގައުމުގެ ސިޔާސަތު އަލުން ބައްޓަން ކުރާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޒާރާ މުހަންމަދު ވިދާޅުވިއެވެ.