ސްޕެނިޝް ލަލީގާގައި އަލްމީރިއާ އަތުން ބާސެލޯނާ 2-0 އިން މޮޅުވެއްޖެއެވެ.

އަލްމީރިއާގެ ދަނޑު ކަމުގައިވާ އެސްޓާޑިއޯ މެޑެޓެރޭނިއޯގައި ކުޅުނު މެޗުގައި ބާސާގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން މެޗު ފެށިގެން 14 ވަނަ މިނެޓުގައި ބާސާ ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ޒުވާން ޑިފެންޑަރު ހެކްޓާ ފޯޓް ނަގައިދިން ހުރަހަކުން ފާމިން ލޯޕޭޒް ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ލޯޕޭޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ބާސާގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. މި ލަނޑަކީ ސާޖިއޯ ރޮބާޓޯ ފަހިކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. ލޯޕޭޒްގެ ދެވަނަ ލަނޑާއެކު ބާސާއަށް ވަނީ މެޗުގެ ކޮންޓްރޯލް އެއްކޮށް ނެގިފައެވެ.

މެޗުގައި އަލްމީރިއާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. ސުން ކަނޑާނުލެވުނު އިރު ބާސާގެ ގޯލާ އަމާޒުކޮށް އެ ޓީމަށް ފޮނުވާލެވުނީ އެންމެ 3 ހަމަލާއެވެ.

މެޗުން މޮޅުވުމާއެކު ބާސާ ވަނީ ތާވަލުގެ ދެވަނައިގައި ހަމަޖެހިލެވިފައެވެ. ބާސާ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 36 މެޗުން ލިބުނު 79 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި 75 ޕޮއިންޓާއެކު އޮތީ ޖިރޯނާއެވެ. އެއްވަނައިގައި 93 ޕޮއިންޓާއެކު އޮތީ މި ސީޒަނުގެ ތަށި ޔަގީން ކޮށްފައިވާ ރެއާލް މެޑްރިޑެވެ. ބާސާ އަތުން ބަލިވި އަލްމީރިއާ އޮތީ ތާވަލުގެ ފުލުގަ ކަމަށް ވާ އިރު, ސީޒަނުގައި އަދި ދެ މެޗު އޮތް ކަމުގައިވިއަސް އެ ޓީމު ވަނީ ރެލިގޭޓުވެފައެވެ.