ކުރިއަށް އޮތް އޮލިމްޕިކްސް ދުވަސްވަރު ޔޫކްރެއިނަށް ހަމަލާ ނުދިނުމަށް ފަރަންސޭސި ވިލާތުގެ ރައީސް އިމޭނުއަލް މެކްރޮން ހުށައެޅުއްވި "އޮލިމްޕިކް ޓްރޫސް" އަށް އެއްބަސް ނުވާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޖުލައި މަހު ޕެރިސްގައި އޮންނަ އޮލިމްޕިކްސްއާ ދިމާކޮށް ރަޝިޔާއިން ޔޫކްރެއިންގައި ހިންގަމުންދާ ހުރިހާ އޮޕަރޭޝަނެއް ހުއްޓާލުމަށް އެދި މެކްރޮން ހުށައެޅުއްވި "އޮލިމްޕިކް ޓްރޫސް" ބަލައި ނުގަންނާނެ ކަމަށް ޕޫޓިން ހާމަ ކުރެއްވީ މި ދިޔަ ހުކުރު ދުވަހުއެވެ.

ޕޫޓިން ހާމަ ކުރެއްވި ގޮތުގައި ރަޝިޔާގެ އެތުލީޓުންނަށް އޮލިމްޕިކްސް ހިންގުމަށް ހަރަކާތްތެރިވި ފަރާތްތަކުގެ ފަރާތުން ލިބިގެންދިޔަ ނާއިންސާފުގެ ސަބަބުން އޮލިމްޕިކް ޓްރޫސްއަކަށް އޭނާ އެއްބަސް ނުވާނެ ކަމަށެވެ. ރަޝިޔާ, ޔޫކްރެއިންއަށް ހަމަލާ ދޭން ފެށުމުގެ ސަބަބުން އޮލިމްޕިކްސްގައި އެ ގައުމަށް ބައިވެރި ނުވެވޭނެ ގޮތަށް ހަމަޖެއްސުމުން ޕޫޓިން ވަނީ އޮލިމްޕިކްސް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފާޑު ކިޔާފައެވެ.

"އަހަރެން ދެކޭ ގޮތުގައި އޮލިމްޕިކް ޓްރޫސް ކަހަލަ އޮލިމްޕިކްސްގެ އާދަކާދަ ތަކަކީ އޭގެ ޒާތުގައި ވަރަށް ރަނގަޅު އެއްޗެއް. އެކަމަކު މިއަދު އިންޓަނޭޝަނަލް ސްޕޯޓިން އޮފިޝަލުން ވެސް އޮލިމްޕިކްގައި ހުރި ޒަމާންވީ އާދަކާދަތަކާ އެއްގޮތަކަށް އަމަލެއް ނުކުރެ. އަހަރެމެންގެ އެތުލީޓުން ބައިވެރިވުން މަނާކޮށްފަ އަހަރެމެން ކައިރިން ކަންކަމަށް އެދެނީ އެ ފަރާތްތަކުން. އެގޮތަށް އަމަލުތައް ބަހައްޓާއިރު ކިހިނެއް އެހާ ފަސޭހައިން އޮލިމްޕިކް ޓްރޫސްއަކަށް އެއްބަސްވެވޭނީ" މެކްރޮން ހުށައެޅުއްވި އޮލިމްޕިކް ޓްރޫސްއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވިއެވެ.

ރަޝިޔާގެ އެތުލީޓުންނަށް އޮލިމްޕިކްސްގައި ބައިވެރިވުން މަނާ ކުރުމުން އެ ގައުމުން އަންނަނީ އަމިއްލައަށް ކުޅިވަރު އިވެންޓެއް ބޭއްވުމަށް ރާވަމުންނެވެ. ސެޕްޓެމްބަރު މަހުގައި ބާއްވަން ނިންމާފައިވާ މި ކުޅިވަރު އިވެންޓުގައި ރަޝިޔާގެ އެތުލީޓުންގެ އިތުރުން ބެލަރޫސްގެ އެތުލީޓުން ބައިވެރިވާނެއެވެ.