އެމެރިކާގެ އޮފިޝަލަކު, ޖަޕާނަށް 1945 ވަނަ އަހަރު އެޅި އެޓޮމިކް ބޮންތަކަކީ އިންސާފުން އެޅި ބޮންތަކެއްކަމަށް ވަކާލާތު ކުރުމުން ޖަޕާނުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މެއި މަހުގެ 8 ވަނަ ދުވަހުގައި އެމެރިކާގެ ކޮންގްރެސްގެ ބައްދަލުވުމެއްގަައި ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމުގައިވާ ލިންޑްސީ ގްރޭމް ވަނީ 1945 ވަނަ އަހަރު ޖަޕާނުގެ ހިރޮޝިމާ އަދި ނަގަސާކީއަށް އެމެރިކާއިން ނުރައްކާތެރި އެޓޮމިކް ބޮން އެޅުމަށް ނިންމުން ދިފާއުކޮށް ވާހަކަ ދައްކާފައެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ގާތް ގުޅުމެއް އޮންނަ ލިންޑްސީ މިހެން ބުނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތައް ދިފާއުކޮށް ދެއްކި ވާހަކައެއްގެ ތެރެއިންނެވެ.
ޖަޕާނު ބޮޑު އަނދަވަޅެއްގެ ތެރެއަށް ވައްޓާލި އެޓޮމިކް ބޮން ދިފާއުކޮށް ލިންޑްސީ ދެއްކި ވާހަކަތަކުގެ ސަބަބުން ޖަޕާނު ވަނީ އެމެރިކާއަށް, ލިންޑްސީގެ ބަސްތަކާ މެދު އެ ގައުމު ކަންބޮޑުވާކަން ހާމަކޮށްފައެވެ. ޖަޕާނު ލިންޑްސީގެ ބަސްތަކުން ނުރުހުން ވެފައިވާ ދަނޑިވަޅެއްގައި ލިންޑްސީ ވަނީ, ޓެލެވިޝަން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އޭނާ ކުރިން ބުނި ބަސްތައް ދިފާއުކޮށް, އެޓޮމިކް ބޮން އެޅުމަކީ އެމެރިކާއިން ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށް ބުނެފައެވެ.
"މީހުން އަހާފާނެ ކީއްވެހޭ އެމެރިކާއިން ދެ އެޓޮމިކް ބޮން ނަގަސާކީއާ ހިރޮޝިމާއަށް އެޅީ. އަހަރެން ދެކޭ ގޮތުގަ އެމެރިކާއިން އެ ބޮން އަޅަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ގޮތުގަ ނިންމި ނިންމުމެއް" އެންބީސީ ނޫސް ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ލިންޑްސީ ބުންޏެވެ.
ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިމަސާ ހަޔަޝީ ވަނީ ލިންޑްސީގެ ހަރުކަށި ބަސްތައް ކުއްވެރިކޮށްފައެވެ. އޭނާ ބުނި ގޮތުގައި ޖަޕާނަށް އެޅި އެޓޮމިކް ބޮންތަކުން އެތައް ހާސް މީހުން މަރުވެ, އެތައް ލައްކަ މީހުން ތަހައްމަލު ކުރަން ޖެހުނު ބިރުވެރިކަން ދިފާއު ކުރެވިގެން ނުވާނެ ކަމަށެވެ.
1945 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމަ ނިންމާލުމުގެ ނިޔަތުގައި އެމެރިކާއިން ޖަޕާނުގެ ހިރޮޝިމާ އަދި ނަގަސާކީއަށް އެޅި ދެ އެޓޮމިކް ބޮމުގެ ސަބަބުން ދެ ލައްކައެއްހާ މީހުން މަރުވެ, ގައުމުގެ އިގްތިސާދު އެއްކޮށް އިދަ ޖެހުނެވެ. ޖަޕާނަށް ކުރިމަތިވި މި ބޮޑު ކާރިސާ ދިފާއުކޮށް ލިންޑްސީ ދެއްކި ވާހަކަތަކުން ޖަޕާނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ހީނަރުވުމަކީ އެކަށީގެންވާ ކަމެކެވެ.