އިނގިރޭސި ޕްރިމިއާ ލީގުގައި ތަށްޓައް ވާދަކުރަމުންދާ އާސެނަލް އާއި މެންޗެސްޓާ ސިޓީގެ ވާދަވެރިކަން ސީޒަނުގެ ފަހު މެޗާ ހަމައަށް ގޮސްފިއެވެ.
މާދަމާ ސީޒަނުގެ ފަހު މެޗަށް ނިކުންނައިރު ދެ ޓީމަށް ވެސް ލީގުގެ ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. ސިޓީ ތާވަލުގެ އެއްވަނައިގައި 88 ޕޮއިންޓާއެކު އޮތް އިރު, ދެވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 86 ޕޮއިންޓެވެ. މާދަމާގެ މެޗުން މޮޅުވެގެން ސިޓީއަށް ތަށި ކާމިޔާބު ކުރެވުނު ކަމުގައިވިއަސް, އާސެނަލްއަށް ތަށި ކާމިޔާބު ކުރެވޭނީ އެ ޓީމު މޮޅުވެފައި ސިޓީ ބަލިވެއްޖެ ނަމަ ނުވަތަ އެއްވަރުވެއްޖެ ނަމައެވެ.
ސީޒަނުގެ ފަހު މެޗަށް ސިޓީއިން ނިކުންނައިރު އެ ޓީމު އޮތީ ވަރަށް ވަރުގަދަ ފޯމެއްގައެވެ. ސިޓީއިން އެންމެ ފަހުން ލީގުގައި ކުޅުނު އަށް މެޗުވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ.
ސިޓީ އެންމެ ފަހުން ލީގުގައި ބަލިވީ މި ދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ. އޭގެ ފަހުން 23 މެޗު ކުޅެފައިވާ އިރު އޭގެން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ސީޒަނުގެ އެންމެ ފަހު މެޗުގައި ވެސްޓްހަމާ ދެކޮޅަށް ސިޓީ ނިކުންނަ އިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ, ވެސްޓްހަމަށް އެންމެ ފަހުން ލީގުގައި ސިޓީ ބަލިކުރެވުނީ މީގެ ނުވަ އަހަރު ކުރިން ކަމެވެ.
ސީޒަނުގެ ފަހު މެޗަށް ނިކުންނައިރު އާސެނަލް ވެސް އޮތީ ވަރަށް ނުރައްކާތެރި ފޯމެއްގައެވެ. އާސެނަލް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފައެވެ. މި ފަސް މެޗުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ މެޗަކީ ޒަމާންވީ ވާދަވެރިން ކަމުގައިވާ ޗެލްސީ އަތުން 5-0 އިން މޮޅުވި މެޗެވެ. ސީޒަނުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި އާސެނަލް އެވަޓޮންއާ ދެކޮޅަށް ނިކުންނައިރު އެންމެ ފަހުން ދެ ޓީމުން އެމިރޭޓްސް ސްޓޭޑިއަމްގައި ބައްދަލުކުރި 27 ފަހަރުގެ ތެރެއިން އެވަޓަންއަށް މޮޅުވެވިފައިވަނީ އެންމެ ފަހަރަކު ކަން ފާހަގަކޮށްލަން ޖެހެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 2023/2024 ވަނަ އަހަރުގެ ސީޒަނުގެ ފަހު މެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާ 20:00 ގައެވެ. މާދަމާގެ މެޗު ނިމުމުން އާސެނަލް 20 އަހަރު ވަންދެން ލީގު ތަށްޓައް ކުރި އިންތިޒާރު ނިމިގެންދާނެތޯ ނުވަތަ ސިޓީ ޖެހިޖެހިގެން ހަތަރު ފަހަރު ލީގު ކާމިޔާބު ކޮށް ތާރީހު ހަދާނެތޯ ޔަގީން ވެގެންދާނެއެވެ.