ޖަރުމަނު ބުންޑަސްލީގާގެ ފަހު މެޗުގައި އޯގްސްބާގް އަތުން 2-1 އިން މޮޅުވެ, ލެވަކޫސަން "އިންވިންސިބަލް" ސީޒަނެއް ފުރިހަމަ ކޮށްފިއެވެ.
ރޭގައި ކުޅުނު ސީޒަނުގެ އެންމެ ފަހު މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ލެވަކޫސަންއެވެ. ލެވަކޫސަންގެ ބޮނިފޭސް އަދި އަންޑްރިޗް ކާމިޔާބު ކުރި ދެ ލަނޑުން ފުރަތަމަ ހާފު ނިމުނީ 2-0 އިންނެވެ. ނަމަވެސް ދެވަނަ ހާފުގައި އޯގްސްބާގްގެ ކޮމާރ ވަނީ ލަނޑު ޖަހާ ސުންކަނޑާލަދީފައެވެ.
މެޗުން މޮޅުވުމާއެކު ލެވަކޫސަން ވަނީ ލީގުގައި ބަލިނުވެ ސީޒަނެއް ނިންމާލި ތިންވަނަ ޓީމަށް ވެފައެވެ. ފުޓުބޯޅައިގެ ދިގު ތާރީހުގައި ލެވަކޫސަންގެ އިތުރުން ބަލިނުވެ ސީޒަނެއް ނިންމާލި ހަމައެކަނި ދެ ޓީމަކީ ޔުވެންޓަސް އަދި އާސެނަލްއެވެ. ނަމަވެސް މި ދެ ޓީމަކީ އެހެން ލީގުތަކުގެ ޓީމުތަކަށް ވާތީ ލެވަކޫސަން ވަނީ ބުންޑަސްލީގާ ސީޒަނެއްގައި ބަލިނުވެ ލީގު ނިންމާލި ފުރަތަމަ ޓީމަށްވެފައެވެ.
ބުންޑަސްލީގާގެ ޗެމްޕިއަންކަން ލެވަކޫސަން ހާސިލުކުރިއިރު ދެވަނައަށް ގޮސްފައިވަނީ ވީއެފްބީ ސްޓުޓްގާޑެވެ. ލީގުގެ ފަހު މެޗުގައި ހޮފެންހެއިމް އަތުން ބަލިވުމާއެކު ބަޔާން މިއުނިކް ވަނީ ތިންވަނައަށް ވެއްޓިފައެވެ. ހަތަރުވަނައިގައި ލެއިޕްޒިގް އޮތް އިރު ފަސްވަނަ ލިބުނީ މި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލިސްޓުން ކަމުގައިވާ ބޮރޫޝިއާ ޑޯޓްމަންޑަށެވެ.