އިޒްޜޭލުގެ ސިފައިން ޣައްޒާގެ އެކިސަރަހައްދުތަކަށް ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 35 ހާ ހަށްވުރެ މައްޗަށް އަރައިފި ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާ އިން ހާމަކޮށްފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ނެރެފައިވާ ރިޕޯޓުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ޝަހީދުވި މީހުންގެ އަދަދު ވަނީ 35,386 އަށް އަރާފައެވެ. އަދި މިހަމަލާތަކުގައި 79,366 މީހުން އެކިއެކި ޒަޚަމްތައް ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީ އިން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 83 މީހުން ވަނީ ޝަހިދުކޮށްލައިފައެވެ.

މީގެއިތުރުން އަލްޖަޒީރާ އިން ރިޕޯޓުކުރާގޮތުގައި ހަމާސް އިން ވަނީ ރަފާހާއި އަދި ފަލަސްތީނުގެ އެހެން ހިސާބުތަކުގައި ވެސް އިޒްރޭލުގެ ސިފައިން ކުރަމުންދާ އަނިޔާ އާއި ކުރިމަތިލާން ނިންމާފައެވެ. އަދި ކިތަންމެ ދިގުދެމިގެން ދިޔަ ނަމަވެސް ހަމާސް އިން އުއްމީދު ކަނޑާނުލައި ޒަޔަނިސްޓުންނާއި ކުރިމަތިލާނެ ކަމުގައި އެ ޖަމާޢަތުން ބުނަމުން ގެންދެއެވެ.