އިޒްރޭލަށް ވައްދަން ހަތިޔާރު ހިފައިގެން ދަތުރުކުރި ބޯޓެއް ސްޕެއިންގެ ޕޯޓުތަކުގައި މަޑުކުރުން އެ ގައުމުން މަނާކޮށްފިއެވެ.

އިޒްރޭލަށް ހަތިޔާރު އެތެރެކުރަން ދަތުރުކުރި ބޯޓެއް ސްޕެއިންގެ ޕޯޓުތަކުގައި މަޑުކުރުން މަނާކުރި ކަން ޔަގީން ކޮށްދެމުން ސްޕެއިންގެ ފޮރިން މިނިސްޓަރު ޖޯސޭ މެނުއަލް އަލްބަރޭސް ވިދާޅުވި ގޮތުގައި, މީގެ ފަހުން އިޒްރޭލަށް ހަތިޔާރު ހިފައިގެންދާ އެއްވެސް އުޅަނދަކަށް އެ ގައުމުގައި މަޑު ނުކުރެވޭނެއެވެ.

"މިއީ އަހަރެމެން އިޒްރޭލަށް ހަތިޔާރު އެތެރެކުރާ އުޅަނދަކަށް ސްޕެއިންގެ ޕޯޓުތައް ބޭނުންކުރުން މަނާކުރި ފުރަތަމަ ފަހަރު. މީގެ ފަހުން އިޒްރޭލަށް ހަތިޔާރު އެތެރެކުރާ އެއްވެސް އުޅަނދަކަށް ސްޕެއިންގައި މަޑުނުކުރެވޭނެ ގޮތަށް ޕޮލިސީއެއް އެކުލަވާލާނަން. މެދުއިރުމައްޗަށް މި ވަގުތު ބޭނުންވާ އެންމެ ފަހު އެއްޗަކީ ހަތިޔާރު" ބުރާސްފަތި ދުވަހު ރިޕޯޓަރުންނާ ވާހަކަދައްކަމުން ޖޯސޭ ވިދާޅުވިއެވެ.

ސްޕެއިންގެ ޓްރާންސްޕޯޓު މިނިސްޓަރު އޮސްކާ ޕުއެންޓޭ ހާމަކުރެއްވި ގޮތުގައި ސްޕެއިންގެ ޕޯޓެއްގައި މަޑުކުރަން އެދުނު ބޯޓަކީ މެރިއާން ޑެނިކާ ނަމަކަށް ކިޔުނު ބޯޓެކެވެ. މި ބޯޓަކީ 27 ޓަނުގެ ގޮވާ ޒާތުގެ ހަތިޔާރު ހިފައިގެން އިންޑިއާގެ މަޑްރާސްއިން އިޒްރޭލުގެ ހައިފާއަށް ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. މެއި މަހުގެ 21 ވަނަ ދުވަހު ސްޕެއިންގެ ކާޓައިނާ ޕޯޓުގައި މަޑުކުރަން އެދުނު މެރިއާން ޑެނިކާއަށް ހުއްދަ ނުދީ ސްޕެއިނުން ވަނީ އެ ބޯޓު ފޮނުވާލާފައެވެ.