ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ނިމި، ތަރައްގީކުރުމުގެ ފިޔަވަހިތަކުގެ ތެރެއިން ފުރަތަމަ މައިލްސްޓޯން ފުރިހަމަވެއްޖެ ކަމަށް އެ މަޝްރޫއު ހިންގަމުން އަންނަ ކުންފުނި ކަމުގައިވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނެފިއެވެ.

އެޗްޑީސީން ބުނީ ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ސިނާއީ މަސައްކަތްތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ބިން ވިއްކުމަށް ވަނީ ހުޅުވާލާފައި ކަމަށެވެ.

އެގޮތުން ތިލަފުށިން ބިން ގަނެފައިވާ ފަރާތްތަކާ އެކު ހެދިފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއު ފިޔަވަހިތަކަށް ބަހާލައި، ފުރިހަމަވާ ނިސްބަތަކުން، އެ ބިންތަކުގެ ފައިސާ ދައްކާ ހަމަކުރާ ގޮތަށް ކަމަށާއި އެހެންކަމުން މަސައްކަތް ކުރިއަށް ދާ ނިސްބަތާއި ކަނޑައެޅިފައިވާ މައިލްސްޓޯން ފުރިހަމަވާ މިންވަރު ބިން ގަނެފައިވާ ފަރާތްތަކަށް މި ކޯޕަރޭޝަނުން އަންގަމުން ދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ އެ ކޯޕަރޭޝަނުން މަސައްކަތް ކުރަނީ، ކަނޑައެޅިފައިވާ ޕްލޭންއާ އެއްގޮތަށް، ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ނިންމައި، ތަނުގެ ބޭނުން ކުރެވޭނެ ފުރުސަތު ވީހާވެސް އަވަހަކަށް ހުޅުވާލުމަށް ކަމަށެވެ.