އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 28 ވަނަ ސެޝަން އިއްޔެ ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި ސެޝަންގައި މުހިންމު 16 ހުށަހެޅުމެއް ވަނީ ފާސްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރެގިއުލޭޓަރީ ކުރިއެރުންތައް ހޯދުމުގައި ރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
އެތައް އަހަރެއް ވަންދެން ކުރިއަށް ގެންދިޔަ ވަރުގަދަ މަޝްވަރާތަކަށްފަހު، މި ސެޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޑްރިފްޓިން ފިޝް އެގްރިގޭޓިން ޑިވައިސް (ޑީއެފްއޭޑީ) މެނޭޖްމަންޓް މިންގަނޑެއް ތައާރަފްކުރުމެވެ. ރާއްޖޭން އިސްނަގައިގެން އަޅާ މި ފިޔަވަޅަކީ އިންޑިއާ ކަނޑުގައި ޕާސް މަސްވެރިކަން ކުރާ އުޅަނދުފަހަރުން ބޭނުންކުރާ ޑީއެފްއޭޑީ ރެގިއުލޭޓް ކުރާނެ ފިޔަވަޅެކެވެ. އޭގެ ތެރޭގައި ޑީއެފްއޭޑީ ރަޖިސްޓްރީ ގާއިމުކުރުމާއި މޮނިޓަރިން ސިސްޓަމެއް ގާއިމުކުރުމާއި ޑީއެފްއޭޑީ އާއި ސަޕްލައި އުޅަނދުފަހަރުގެ އަދަދަށް ލިމިޓެއް ކަނޑައެޅުން ހިމެނެ އެވެ. މި އެއްބަސްވުން ހޯދުމުގައި ދެކުނު އެފްރިކާ، އިންޑޮނޭޝިއާ، ރިޕަބްލިކް އޮފް ކޮރެއާ، ޔޫރަޕިއަން ޔޫނިއަން، ޕާކިސްތާން، މޮރިޝަސް އަދި ސީޝެލްސްގެ ވަފުދުތައް ގުޅިގެން ކުރަމުންދާ މަސައްކަތަށް ރާއްޖެއިން ވަނީ ތައުރީފުކޮށްފައެވެ.
އަނެއް ބޮޑު ކާމިޔާބީއަކީ ސްކިޕްޖެކް ޓޫނާ [ކަނޑުމަސް] އާއި ސްވޯ ޑްފިޝް [ހިބަރު ]އަށް މެނޭޖްމަންޓް ޕްރޮސީޖާސް (އެމްޕީ) އެޑޮޕްޓް ކުރުމެވެ. ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖެ ގުޅިގެން ސްޕޮންސާކޮށްފައިވާ ސްކިޕްޖެކް މިންގަނޑު ރަމްޒުކޮށްދެނީ އައިއޯޓީސީގެ ތެރޭގައި އެތައް އަހަރެއް ވަންދެން ސައިންޓިފިކް އަދި މެނޭޖްރިއަލް ގޮތުން ކުރި މަސައްކަތްތަކެވެ. ސްވޯޑްފިޝް މެނޭޖްމަންޓް ޕްރޮސީޖާއަކީ ދުނިޔޭގެ ފެންވަރުގައި މިބާވަތުގެ ފުރަތަމަ އަދި ސަރަހައްދީ ފިޝަރީޒް މެނޭޖްމަންޓް އޯގަނައިޒޭޝަނަކުން އެޑޮޕްޓްކުރި ފުރަތަމަ ނޮން ޓޫނާ އެމްޕީއެވެ.
މީގެ އިތުރުން، ރިޕަބްލިކް އޮފް ކޮރެއާއާ ގުޅިގެން ރާއްޖެއިން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕްރޮޕޯޒަލެއް ހުށަހަޅައިފައެވެ. މި ފިޔަވަޅާއެކު މޫސުމަށް އަންނަ ބަދަލުތަށް އައިއޯޓީސީގެ އޮޕަރޭޝަންތަކުގައި ހިމެނުމާ ބެހޭ ގައިޑްލައިންތައް ހަރުދަނާކޮށް، ކުރިއަށް އޮތް ސައިންޓިފިކް ކޮމިޓީގެ ބައްދަލުވުންތަކަށް މިކަމާ ގުޅޭ ސްޓޭންޑިން އެޖެންޑާ އައިޓަމެއް ތައާރަފްކުރެއެވެ.
ނަމަވެސް ޕާކިސްތާނާ ގުޅިގެން ހުށަހަޅާފައިވާ ޝާކް ކޮންޒަވޭޝަން ޕްރޮޕޯސަލް އަނބުރާ ގެންދިއުމުން ރާއްޖެއިން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މި ހުށަހެޅުއްވުމުގެ މަގުސަދަކީ ގުދުރަތީ ގޮތުން ފިންސް ހުންނަ މިޔަރު ޖެއްސުން ލާޒިމްކޮށް، ޝާކް ލައިންތައް ބޭނުންކުރުން މަނާކުރުމެވެ.
މި ސެޝަންގެ ނަތީޖާއިން އިންޑިއާ ކަނޑުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގައި ރާއްޖޭގެ ލީޑާޝިޕާއި އަހައްމިއްޔަތުކަން ހާމަވެގެންދެއެވެ.