އިރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިއަދު އެމަނިކުފާނުގެ އެކްސްގައި އާއްމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. މީގެއިތުރުން މި ހާދިސާާގައި އަވަހާރަވި އެންމެހާ ބޭފުޅުންގެ ފުރާނައިގައި ރަހުމަތް ލެއްވުމަށް އެދި ދުއާ ކުރެއްވުމާ އެކު މަރުވި ބޭފުޅުން އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އީރާނުގެ ރައީސް އާއި ފޮރިން މިނިސްޓަރު އަވާހަރަ ވެފައިވަނީ އިއްޔެ އެގައުމުގެ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސަށް ހެލިކޮޕްޓަރެއް ވެއްޓިގެންނެވެ. އިރާނުގެ ރައީސް އަވަހާރަ ވުމުން މިވަގުތު އިރާނުގެ ރައީސްގެ މަސްއޫލިއްޔަތުތަކާއި ހަވާޅުވެ ހުންނެވީ އެގައުމުގެ ނައިބު ރައީސް މުހައްމަދު މުޙްބަރެވެ.