މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.

އެގޮތުން މާލެ ހެންވޭރުގެ ފަޅުމަތީ މަގު، ބޮޑުތަކުރުފާނު މަގު، މާނިފާ ހިނގުން، ކޮއިމަލާ ހިނގުން، އަމީނީ ގޯޅި، ރެހެނދި ހިނގުން، ތަނޑިރަތްމާ ގޯޅި އަދި ރަށްދެބައި ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 16:00 ށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މާލޭގެ މި ސަރަހައްދުގެ އިތުރުން ހުޅުމާލޭގެ ފްލެޓް 62 ން 82 ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 16:00 ށް ކަރަންޓު ކެނޑުން އެކަށީގެން ވާކަމަށްވެސް ސްޓެލްކޯގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައިވެއެވެ.

އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.